އެކްޓަރު އަރުޖުން ކަޕޫރުއާއި ބަތަލާ ސާރާ ޢަލީ ޚާން އެކީގައި ފެންނަ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތަކުން ބުނެފިއެވެ.

މީޑިއާ ޚަބަރުތައް ބުނާގޮތުން މި ދެތަރިން އެކީގައި ގެންނަން ނިންމާ ފިލްމަކީ، ޑައިރެކްޓަރު ހޯމީ އަދަޖާނީއާގެ ފިލްމެކެވެ. "މާޑާ މުބާރަކް" ނަމަކަށްކިޔާ މި ފިލްމަކީ، ހޮރޯ ކޮމެޑީއެއްކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ފިލްމާބެހޭގޮތުން ހޯމީއާއި ފިލްމުގެ ޓީމުން އެކްޓަރު އަރުޖުންއަށް ފިލްމު ހުށަހަޅާފައިވާއިރު ބަތަލާ ސާރާ ޢަލީ ޚާން ފިލްމަށް ގެނައުމުގެ މަޝްވަރާތައް ސާރާއާއެކު ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ދާދިފަހުން ރިލީޒްވި ފިލްމު "ކުއްތޭ"ގެ އެކްޓަރު އަރުޖުން ކަޕޫރު މީގެކުރިން ވެސް ވަނީ ޑައިރެކްޓަރު ހޯމީ އަދަޖާނީއާއެކު މަސައްކަތް ކޮށްފައެވެ. އެއީ 2014ވަނަ އަހަރު ރިލީޒްވި ފިލްމު "ފައިންޑިންގް ފެނީ"ގައެވެ.

ހޯމީ އަދަޖާނިއާގެ އެންމެ ފަހުން ރިލީޒްވެފައި ވަނީ 2020 ވަނަ އަހަރު ރިލީޒްވި ފިލްމު "އަންގްރޭޒީ މީޑިއަމް"އެވެ. ދާދިފަހުން ހޯމީވަނީ ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމެއް ބަތަލާ ރާދިކާ މަދަންއާއެކު ނިންމާލާފައެވެ. މި ފިލްމުގެ ޝޫޓިންގް މިދިޔަ އަހަރު ނިންމާލާފައިވާއިރު ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިޢުލާން ނުކުރެއެވެ.

އަރުޖުންއާއި ސާރާ އާއެކު އުފެއްދުމަށް މަޝްވަރާތައް ކުރިޔަށްދާ މި ފިލްމާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އަރުޖުންގެ ފިލްމީ ޝެޑިއުލް މިވަގުތު ހުރިގޮތަށް ބަލާއިރު އެކްޓަރު މިހާތަނަށް ދެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރަސްމީކޮށް ވަނީ އިޢުލާނުކޮށްފައެވެ. އެއީ "ދަ ލޭޑީ ކިލާ" ނަމަކަށް ކިޔާ ފިލްމަކާއި، "މެރީ ޕަތްނީ ކާ ރިމޭކް" ނަމަކަށް ކިޔާ ފިލްމެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު ފިލްމު "އަތްރަންގީ ރޭ"އިން އެކްޓަރު އަކްޝޭ ކުމާރްއާއެކު ބަތަލާ ސާރާ ޢަލީ ޚާން ފެނިފައިވާއިރު މި އަހަރުތެރޭ ބަތަލާ ތިން ފިލްމެއްގެ މަސައްކަތް ކުރާނެއެވެ.