19 Jan 2023, 22:31
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޕްރޮކިއުމަންޓް މަސައްކަތްތަކަށް ޚާއްސަ، އެސްއޭޕީ އަރީބާ ތައާރަފުކޮށްފިއެވެ.
ގަނެވިއްކުމުގައިއާއި އެފަދަ ޕްރޮކިއުމަންޓް ބޭނުންތަކަށް ޚާއްސަ އެސްއޭޕީ އަރީބާ އެސްޓިއޯ އިން ތައާރަފުކުރީ މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ހަފުލާގައި އެސްޓީއޯގެ ޖެނެރަލް މެނޭޖާ ޕްރޮކޮއިމަންޓް، އަބްދުލް ވާޙިދް މޫސާ ވިދާޅުވީ އެސްޓީއޯ އިން ޕްރޮކިއުމަންޓްގެ މަސައްކަތްތައް މީގެ ކުރިން ކުރަމުން އައީ 2010 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަން ފެށި އެސްއޭޕީ އާއި އީމެއިލް މެދުވެރިކޮށްކަމަށެވެ.
ނަމަވެސް އެސްއޭޕީ އަރީބާ ތަޢާރަފުކުރުމާއެކު، ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތްތަކެއް އެއް ޕްލެޓްފޯމެއްގެ ދަށުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވާޙިދު ވިދާޅުވިއެވެ.
"އެސްއޭޕީ އަރިބާގެ ސަބަބުން، ފަސް ދުވަހުން ނިންމާލެވޭ ޕްރޮކިއުމަންޓް ވޯކްސް ފަސް ގަޑިއިރުން ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އެސްއޭޕީ އަރީބާ އަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ ސަޕްލަޔަރުންނާއި ކަސްޓަމަރުންގެ ބިޒްނަސް ކޮމިއުނޭޝަން ޕްލެޓްފޯމެއް ވެސް މެއެވެ.
މި ޕްލެޓްފޯމްގެ ދަށުން، އީމެއިލް މެދުވެރިކޮށް ކުރަމުންދާ ހުރިހާ މުއާމަލާތެއް، މިސާލަކަށް ރިކުއެސްޓް ފޯ ކޯޓޭޝަން ފަދަ މަސައްކަތްތައް އަރީބާގެ ތެރެއިން ކުރެވޭނެއެވެ.
އަދި ފޯމަލް ޓެންޑާ ޕްރޮސެސްތައް ފަދަ ނީލަމުގެ ޕްރޮސެެސްތަކުގައި ބިޑްތައް ފޮނުވުމާއި، ބިޑް ހުށެޅުން ފަދަ މަސައްކަތްތައް ވެސް އަރީބާގެ ތެރެއިން ކުރެވޭނެއެވެ. މީގެ އިތުރުން އެއްބަސްވުންތަކުގައި ސޮއި ކުރުން ފަދަ ކަންކަން ވެސް އަރީބާގެ ތެރެއިން ކުރެވޭނެއެވެ.
މީގެ އިތުރުން، އެސްޓީއޯގެ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި ބޭނުންކުރާ ޕާޗޭޒް އޯޑާ ފަދަ ލިޔެކިޔުންތަކާއި، ގުޑްސް ރިސީވްޑް ނޯޓް (ޖީއާރްއެން) ފަދަ ލިޔެކިޔުންތައް މި ޕްލެޓްފޯމުގެ ދަށުން ކުރެވޭނެއެވެ.
އެސްއޭޕީ އަރީބާގެ ދަށުން ސަޕްލަޔަރަށާއި ކަސްޓަމަރުންނަށް އެއް ޕްލެޓްފޯމެއްގެ ދަށުން، މިފަދަ މަސައްކަތްތައް ކުރެވޭއިރު، މިއީ ދެފަރާތުގެ އިތުބާރު ދެމެހެއްޓޭނެ ޕްލެޓްފޯމެކެވެ.
އެސްޓީއޯއަކީ އެކި ދާއިރާތަކުގެ އެކި ތަކެތި ގަތުމާއި ވިއްކުމުގައި ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. މީގެ ތެރޭގައި ތެލުގެ ބާވަތްތައް، ބޭސް، ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި، ކާޑުގެ ބާވަތްތައް އަދި ކެއުމުގެ އެކި ބާވަތްތައް ހިމެނެއެވެ.