22 Jan 2023, 21:51
ފާއިތުވި ހަތަރު އަހަރު ތެރޭގައި ޕާކިސްތާނުގެ 42 ނޫސްވެރިއަކު މަރާލާފައިވާ ކަމަށް، އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޕާކިސްތާނުގެ މިނިސްޓާ ފޯ ޕާލަމެންޓްރީ އެފެއާޒް މުރުތާޒާ ޖާވިދު އައްބާސީ، އެގައުމުގެ ސެނެޓަށް ދެއްވި މައުލޫމާތުގައިވާ ގޮތުން، މަރާލާފައިވާ 42 ނޫސްވެރިންގެ ތެރެއިން 15 ނޫސްވެރިން މަރާލާފައިވަނީ ޕަންޖާބުގައެވެ. އަދި 13 ނޫސްވެރިން ޚައިބަރު ފަޚްތުންޚްވާގައި މަރާލާފައިވާއިރު ސިންދުގައި 11 ނޫސްވެރިއަކު މަރާލާފައިވާ ކަމަށާއި ބާކީ ތިން ނޫސްވެރިން މަރާލަފައި ވަނީ ބަލޫޗިސްތާނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރޭގައި ޓެރަރިސްޓުންގެ އަމާޒަކަށްވެ، ބަޑި ޖަހައި މަރާލާފައިވާ ނޫސްވެރިން ގިނައެވެ.
ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ މައްސަލަތަކުގައި ޝައްކު ކުރެވޭ ހަތް މީހަކު ޕަންޖާބުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އަދި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތުގައި ތިބިއިރު ޝައްކު ކުރެވޭ އަށް މީހަކު ފިލައިގެން ތިބިކަން ވެސް ކަމާ ބެހޭ ތަފާސްހިސާބުން ހާމަވެއެވެ. މީގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ މީހަކު ކޯޓުން ދޫކޮށްލާފައިވެއެވެ.
ނޫސްވެރިންގެ މަރާ ގުޅިގެން ސިންދު ޕްރޮވިންސުން ޝައްކު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު ހަތް މީހެއްގެ މައްޗަށް ޝަރީއަތް ކުރިއަށްދާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ހަމައެފަދައިން ބަލޮޗިސްތާންއިން އެ މައްސަލަތަކާ ގުޅިގެން ޝައްކު ކުރެވޭ ދެ މީހަކު ފިލައިގެން ގޮސްފައިވާއިރު އެކަކުގެ ޝަރީއަތް މިހާރު އެބަ ކުރިއަށްދެއެވެ. އަދި އިތުރު މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުވެފައިވާ އިރު އެހެން މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ތަފާސްހިސާބުގައިވެއެވެ.
އެ މައްސަލަތަކާ ގުޅިގެން ސެނެޓުގައި ދެއްކި ވާހަކައިގައި ބައެއް މެންބަރުން ވަނީ ސަރުކާރުން ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި ކުށްވެރިންގެ މައްޗަށް ދައުވާކޮށް ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ސެނެޓަރުން ގޮވާލިއެވެ.