22 Jan 2023, 18:49
ގއ. ވިލިނގިލި: އެމްޑީޕީ އުފެއްދުމަށްޓަކައި އެޕާޓީއަށް ދެވަނައަށް ސޮއިކުރެއްވީ އެމަނިކުފާނު ކަމަށާއި މިއީ އެއް ބޭފުޅެއްގެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ނުސީދާ ގޮތެއްގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.
މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގެން މިރަށުގެ އެމްޑީޕީ މެންބަރުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެޕާޓީ އުފެއްދުމަށްޓަކައި އެތައް ގުރުބާނީއެއްވީ މެންބަރުންނަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެއްވެސް ބޭފުޅަކަށް ފައިދާހުރި ގޮތެއް ނޫން ކަމަށެވެ.
"އެމްޑީޕީއަށް ދެވަނައަށް ސޮއިކުރި މީހަކީ އަޅުގަނޑު... އެއަށްފަހު ދެން ތިބި މީހުން ތަރުތީބު ވެގެން އައީ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވާއިރު ދެން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު އެންމެ ބޮޑަށް ވިދާޅުވާ ވާހަކަފުޅަކީ މިއީ އަސްލު އެމްޑީޕީގެ ސަރުކާރެއް ނޫން ކަމެވެ. އަދި، މި ސަރުކާރުގައި އެޕާޓީގެ ސިފަތައް ނެތް ކަމަށް ބުނެ ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެއަށް ރައްދުދެއްވާ ރައީސް ޞާލިހް މިއަދު ވިދާޅުވީ އެމްޑީޕީއަކީ އެތައް ބަޔަކު ގުރުބާންވެގެން އުފެއްދި ޕާޓީއެއް ކަމަށާއި މިއީ ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން ކަމަށެވެ.

"މިއަދު ވަކި މީހެއްގެ ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި މިޕާޓީއަށްޓަކައި ގުރުބާންވީ މީހުންނާ ދިމާއަށް ބޭނުންހާ އެއްޗެއް ގޮވުމަކީ މިޕާޓީއަށް ފައިދާހުރި ގޮތެއް ނޫން. ހިތުހުރި އެއްޗެއް ގޮވުމަކީ އެބޭފުޅުންނަކަށް ވެސް މިޕާޓީއަކަށް ވެސް ފައިދާހުރި ގޮތެއް ނޫން." އެމަނިކުފާނު ވިދާޅުވިއެވެ.
އެތައް ބައެއްގެ ގުރުބާނީން އުފެއްދި ޕާޓީއެއް ވަކި ބޭފުޅެއްގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާކަމަށް ވިދާޅުވެ، ރައީސް ވަނީ ނުސީދާ ގޮތެއްގައި ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީއަށްޓަކައި އެންމެ ބޮޑަށް ގުރުބާންވި ބޭފުޅުން މަތިން، ހަނދައިން ނެތި، އެމީހުން ބާކީކުރީ ޕާޓީގެ ކަންކަން ނޭންގޭތީ ކަމަށެވެ.
"އެތައް ބައެއް ގުރުބާންވި ޕާޓީއަށް، ބައެއް ބޭފުޅުންނަށް ހަނދައިން ނެތިދާނެ، ބައެއް ފަހަރު ޕާޓީއާ ތަންކޮޅެއް ދުރުގައި އުޅެން ޖެހުމުން. އެކަމު މިއަދު ރާއްޖޭގައި އެންމެ ބޮޑު ޕާޓީއަށް ވެގެންދިއައީ އެތައް ބައެއްގެ މަސައްކަތުން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވަކި ރަށެއް، ވަކި އަތޮޅެއް ތަފާތު ކުރުމެއްނެތި ގެނައި ތަރައްގީގެ ސަބަބުން، ކުރީގައި އިދިކޮޅު ޕީޕީއެމްގެ ކިއްލާއެއްގެ ގޮތުގައި އޮތް މިރަށުގެ މެޖޯރިޓީ މިހާރު އޮތީ އެމްޑީޕީއަށް ކަމަށެވެ. އެހެންވެ، އެކަމުން ދޭހަވެގެންދަނީ މި ސަަރުކާރުން ގެނެސްދެއްވި ހަމަހަމަ ތަރައްގީ ރައްޔިތުން ބަލައިގެންފިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަފާތު ކަމެއްނެތި ގެނައި ތަރައްގީގެ ސަބަބުން ވިލިނގިލީގެ މެޖޯރިޓީ އެމްޑީޕީއަށް ބަދަލުވެއްޖެ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން ދަމަހައްޓާ، ތަރައްގީގެ މަގުގައި ކުރިއަށްދިއުމަށް މިމަހު 28ގައި އޮންނަ އެޕާޓީގެ ޕްރައިމަރީގައި އެމަނިކުފާނު ހޮއްވަވަން ޖެހޭ ކަމަށެވެ. މިއީ އެމަނިކުފާނު ކޮންމެ ރަށެއްގައި ވެސް ތަކުރާރުކުރައްވާ ވާހަކަފުޅެކެވެ.
ޕްރައިމަރީ ކެމްޕޭނަށް ރައީސް ޞާލިހް ވިލިނގިއްޔަށް ވަޑައިގަތީ މިއަދު ހަވީރެވެ. އެމްޑީޕީ މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވައިފައެވެ. ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިރޭގެ ވަގުތެއްގައެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.