ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު, 20 ކަމެއް ހުށަހަޅުއްވީ މުއްދަތުހަމަވިފަހުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ޕްރައިމަރީގެ ކެމްޕޭން ނިންމުމަށް ވަގުތު ކުޑަތަން ވެފައިވާއިރު ނަޝީދުވަނީ ދެން ވާދަަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ގިނަ ތުހުމަތުތަކެއް އަމާޒުކުރައްވައިފައެވެ.

އެގޮތުން ނަޝީދުވަނީ އެ މަނިކުފާނުގެ ވާދަވެރިން ރިޝްވަތު ބަހާކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކުރުން ފަދަ ކަންކަމާއި، އިންތިޚާބު އޮޅުވައިލުންފަދަ ބޮޑެތި ތުހުމަތުތައް ކުރައްވައިފައެވެ.

އެއާއެކު ނަޝީދުގެ ކެމްޕޭން ޓީމުންވަނީ 20 ކަމެއް ރޭ ހުށަހަޅައިފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  1. ވޯޓުލާ މަރުކަޒުގައި އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ، ދެ ކެނޑިޑޭޓު ސޮއިކޮށްފައިވާ ލިސްޓު (ސުމާރު ނަންބަރާއި، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް ހިމެނޭގޮތުން) އާންމުކޮށް، ހާމަކޮށް ފެންނާން ހުންނާނެހެން ބެހެއްޓުން.

  2. ވޯޓުލާ މަރުކަޒުގައި ވޯޓު ލާން ފެށުމުގެ ކުރިން، އެމަރުކަޒަކަށް ލިބުނު ވޯޓު ކަރުދާސްތައް ކެނޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި، ގުނައި، އަދަދުކޮށް، އެމަރުކަޒަކަށް ލިބުނު ވޯޓު ކަރުދާހުގެ އަދަދު ޖުމުލަ އިއުލާންކުރުން.
  3. ވޯޓުލާން ދާމީހާގެ ވަނަވަރު ކަށަވަރު ކުރުމަށްފަހު، އެ މީހާގެ ސުމާރު ނަންބަރާއި، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް ބާރަށް އިއުލާންކުރުން.
  4. ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދިޔަ ނުދިނުން.
  5. ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭފަދަ އިތުބާރުހުރި ދެއްޔަކުން ޖަހާ އެއްޗަކަށްވުން.
  6. ވޯޓު ކަރުދާހުގެ ފޮޓޯ ވޯޓުލުމުގެ ކުރިން ވެސް އަދި ފަހުގައި ވެސް ނެގުން މަނާކުރުން.
  7. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ވޯޓު ކަރުދާސްކޮޅެއް ދެއްކުން މަނާކުރުން.
  8. ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރު ކުރެހުމާއި، ނިޝާނެއް ޖަހައި، ލިޔެފިނަމަ ވޯޓު ބާތިލުވުން.
  9. ކެންޑިޑޭޓުގެ ހަ މަންދޫބަކަށް ކޮންމެ ވޯޓު ފޮއްޓަކަށް ފާސްދޫކުރުމާއި، މަދުވެގެން ދެ މަންދޫބަކަށް ވޯޓު ފޮށި ދޮށުގައި އަބަދުވެސް ތިބެވުން.
  10. ކެނޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުންނަށް ވޯޓު ފޮށިދޮށުގައި ފޯނުގެ ބޭނުން ހިފުމުގެ ހުއްދަ އޮތުން
  11. ވޯޓު ގުނާ ވަގުތު އޮބްޒާވަރުންނާއި، މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެންބަރުންނަށް ވޯޓު ގުނާ ތަން ބަލާން ތިބުމުގެ ފުރުސަތު އޮތުން.
  12. ވޯޓުގެ ނަތީޖާ ޝީޓު ތައްޔާރުކޮށް، ކެނޑިޑޭޓުންގެ މަންދޫބުން އޭގައި ސޮއިކުރުމަށްފަހު، އާންމުކޮށް ފެންނާން ހުންނާނެހެން މަރުކަޒުގައި ހަރުކޮށްފައި ބެހެއްޓުން.
  13. ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ސިޓީ އުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެސީލުގައި ސޮއިކޮށްފައި އޮތުން.
  14. ވޯޓުގެ ނަތީޖާ ޝީޓް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެސީލުގައި ސޮއިކޮށްފައި އޮތުން.
  15. ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީއުރަ ކެނޑިޑޭޓޫންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން.
  16. ލިޔުމުންނާއި، އީމެއިލުންނާއި، ފޯނުންނާއި، ގޫގުލް ފޯމު މެދުވެރިކޮށް އިންތިޚާބާ ބެހޭ ޝަކުވާ އިންތިޚާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު ފަހިވެފައި އޮތުން
  17. ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަތަކުގެ ލިސްޓު މިއަދުގެ ނިޔަލަށް ކެނޑިޑޭޓުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  18. ވޯޓު ލާންދާ މީހާގެ އައިޑީ ކާޑާމެދު ޝައްކުވެއްޖެ ހާލަތެއްގައި އޮބްޒާވަރުންނަށް އައިޑީކާޑު ދެއްކުން.
  19. ވޯޓު ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެ ވަގުތެއްގައި ވޯޓުލީ މީހުންގެ އަދަދު ވޯޓުލާ މަރުކަޒުގައި އިއުލާނުކުރުން.
  20. ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާނުކުރުން.

އިބުރާހިމް ވަހީދު (އިބުރޭ): ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އެކަމަކު، ޕްރައިމަރީއާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިޚާބީ ކޮމިޓީން ވަނީ ނަޝީދުގެ އެ ހުށަހެޅުންތައް ލިބިފައިވަނީ ވަގުތު ހަމަވިފަހުން ކަމަށް ބުނެފައެވެ.

"އެ ސިޓީ އަޅުގަނޑުމެންނަށް ލިބުނީ ރޭ 09:43 ގައި. އެހާއިރު ވީއިރު ހުރިހާ ލިސްޓުތައް ޑިސްޕެޗުކޮށް ނިމިއްޖެ. އެހެންވީމާ ކުރެވޭނެ ކަންތައްތަކާއި، މިސާލަކަށް ކޮށް ނިންމިފައިހުރި ކަންތައްތަކަކާ އެއްޗެހި މި ލިޔަނީ،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ނުކުތާތަަކަކީ މީގެ ކުރިން ޗެއާޕާސަން އިންތިޚާބުގައި ވެސް ހުށަހެޅުއްވި ނުކުތާތައްކަމަށެވެ. އަދި ރަނގަޅު ނިޔަތެއްގައި އެކަން ކުރިކަމަށްވާނަމަ އެއަށްވުރެ އަވަހަށް އެ ކަންކަން ހުށަހަޅާނެކަމަށެވެ.