27 Jan 2023, 20:35
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރި ކެމްޕެއިން، ދެ ކެންޑިޑޭޓުން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް، ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. މާދަމާ ހެނދުނު 9:00އިން ހަވީރު 17:00 އަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ.
ޕްރައިމަރީގެ ފޯރިގަދަ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތްތައް ނިންމާލާފައި ވަނީ މިއަދު ހަވީރެވެ. ރައީސް ޞާލިޙްގެ ކެމްޕެއިންގެ ފަހު ހަރަކާތް ބޭއްވީ ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ. މި ހަރަކާތުގައި ކެބިނެޓު މިނިސްޓަރުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

މިއަދު މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގެ ތެރެއިން / ފޮޓޯ: ޓްވިޓާ
ރައީސް ނަޝީދުގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތް ނިންމާލާފައިވަނީ މާލޭގައި ބޭއްވި ހިނގާލުމަކުންނެވެ. މި ހިނގާލުން ބާއްވާފައިވަނީ މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައެވެ.
ދެ ކެންޑިޑޭޓުންގެ ކެމްޕެއިންވެސް ނިންމާލާފައިވަނީ އިންތިޚާބުގައި ކާމިޔާބީ ދެއްވުމަށް އެދި ކުރި ދުއާއަކަށް ފަހުއެވެ.
ކެމްޕެއިންގެ ތެރެއިން ފާއިތުވި ދުވަސްތަކުގައި ރައީސް ނަޝީދާއި ރައީސް ޞާލިޙްވެސް ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެން އާއްމުންނާ ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ.

މިއަދު މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގެ ތެރެއިން / ފޮޓޯ: ޓްވިޓާ
މާދަމާ ބާއްވާ އިންތިޚާބު ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެތެރޭގެ އިންތިޚާބަށެވެ. މިއީ ރިޔާސީ ޓިކެޓެއް ހޯއްދަވަން ވެރިކަމުގައި ހުންނެވި ރައީސަކު ޕްރައިމަރީއެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.