ގދ. ގައްދޫގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނިކޮށް، އެ ތަނުގައި ހަމަނުޖެހުން ހިންގައި، ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރުގެ ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ތަނުގައި ތިބި މީހުން އަންނަނީ އެ ތަނުގައި ޒުވާބުކުރަމުންނެވެ. އަދި ވޯޓު ކަރުދާސްތައް ވީދައި، ވޯޓު ފޮއްޓަކަށް ގެއްލުން ދޭ ތަން ވެސް ފެނެއެވެ.

އެ ރަށު މީހަކު ވަނީ "ސަން"އަށް އެ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ.

"އަނެއްބައި މީހުން ވޯޓު ކަރުދާސްތައް އުކައި ވީދާ ހަދައިފި. ދެން މީހަކު މި ވަންނަނީ ބޮޑީ ކެމްއެއް ހިފައިގެން. އެ ކަމާ ރުޅި އައީ އެ ތަނުގައި ތިބި މީހުން. ދެން ތަނުގައި ހުރި ގޮނޑިތައް އުކައި، މޭޒުތައް ވެސް އުކައި ހަަދައިފި،" އޭނާ ބުންޏެވެ.

އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަތަން ވެސް ވީޑިއޯއިން ފެނެއެވެ. ނަމަވެސް އެ ތަނުގަައި ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރެވިފައެއް ނުވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ އިންތިޚާބު މިއަދު ހެނދުނު 09:00ގައި ފެށިއިރު އެންމެ ފުރަތަމަ ވެސް ދިމާވި އެއް މައްސަލައަކީ ގިނަ ދާއިރާތަކެއްގެ ވޯޓު އެއް ފޮއްޓަކަށް އަޅަން ޖެހުމެވެ.

ހަމައެއާއެކު ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ލިސްޓުގައި ނެތް މީހުން ވެސް ވޯޓުލާ މައްސަލަވަނީ ފެންމަތިވެފައެވެ. އެހެންވެ، ބައެއް ރަށްރަށުގައި ވޯޓުލުން މެދުކަނޑައިލައިފައި ވެސްވެއެވެ.