02 Feb 2023, 11:49
އަނިޔާވެރިގޮތަކަށް މާލޭގައި މަރާލި ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދުގެ ހަނދާނުގައި، މަޝްހޫރު މިއުޒިކް ބޭންޑް ހަމްބަލް ބަކަރިން "އަނިޔާ"ގެ ނަމުގައި އަލްބަމެއް ނެރެފިއެވެ.
ބައިސްކޯފުން ރިލީޒްކުރި މި އަލްބަމްގައި ހިމެނެނީ ޖުމްލަ ނުވަ ލަވައެވެ. މި ލަވަތައް ލިޔެފައި ވަނީ ހަމްބަލް ބަކަރީގެ މެމްބަރުންނެވެ. ލަވަތައް ޕްރޮޑިއުސް ކޮށް ކިޔާފައި ވަނީ މޫސާ އާދަމް މަނިކު (ކޭޖޭ)އެވެ.
މި އަލްބަމްގެ މަސައްކަތް ފެށީ މިދިޔަ އަހަރު މެދުތެރޭ ހަމްބަލް ބަކަރި ބޭންޑާއި ޝިއާއުއާ ގުޅިގެންނެވެ. އޭރު ލަވަތައް ލިޔެ ޕްރެކްޓިސް ކުރުން ކުރިއަށް ގެންދިޔަ އިރު، ބައެއް ލަވަތައް ވަނީ ރިކޯޑުކުރުމާ ގާތްވެފައެވެ.
ނަމަވެސް އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ހިތާމަވެރި ހާދިސާއަށްފަހު މި އަލްބަމްގެ މަސައްކަތްތައް އެއްކޮށްހެން މަޑުޖެހުނެވެ.
އަލްބަމްގެ މަސައްކަތްތައް މަޑުޖެހިފައި އޮއްވާ ބޭންޑާ ކޭޖޭ ދިމާވެ، އަލުން އަލްބަމްގެ މަސައްކަތް ކުރަން ފެށިއެވެ. އަދި މި އަލްބަމަކީ ޝިއާއުގެ ހަނދާނުގައި ނެރޭ އަލްބަމަކަށް ހަދަން ނިންމިއެވެ.
ޝިއާއުގެ ހަނދާނުގައި ނެރުނު މި އަލްބަމްގެ ތިން ލަވައެއްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޝިއާއުގެ އަޑު ހިމަނާފައި ވާނެއެވެ. އެގޮތުން ޕްރެކްޓިސްތަކުގައި އޭނާ ކިޔާފައިވާ ލަވައިގެ ތަންކޮޅުކޮޅު ހިމެނޭނެއެވެ.
މި އަލްބަމް ވުޖޫދުކުރުމުގައި ހަންބަލް ބަކަރިން ވަނީ ސައުންޑް އިންޖިނިއަރު އަދި މިއުޒިކް ޕްރޮޑިއުސަރު މުހައްމަދު އިކްރާމަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ބައިސްކޯފް މެދުވެރިކޮށް އެއްވެސް ސަބްސްކްރިޕްޝަނަކާ ނުލައި މި އަލްބަމްގެ ލަވަތައް އަޑުއެހޭނެއެވެ.