ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާޓޫނު ކެރެކްޓާ "ވިނީ ދަ ޕޫ" ވިލަން އަކަށް ހަދައި ކުޑަކުޑަ ބަޖެޓެއްގައި ތައްޔާރުކުރި ބިރުވެރި ފިލްމު ބައިނަލްއަގުވާމީ ރިލީޒްގެ ކުރިން ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަން ފަށައިފިއެވެ.

ވިނީ ދަ ޕޫ އާއި އޭނާގެ އެކުވެރިން އުޅޭ ގޮތް ދައްކައިދޭ ކާޓޫނަކީ ކުޑަކުދިންނަށް ވަރަށް ގަޔާވާ އެއްޗެކެވެ. ނަމަވެސް އަލަށް އުފައްދާ ފިލްމަކީ އެއްވެސް ވަރަކަށް "ޗައިލްޑް ފްރެންޑްލީ" ފިލްމެއް ނޫނެވެ.

ވިނީ ދަ ޕޫ: ބްލަޑް އެންޑް ހަނީގެ ނަމުގައި ނެރޭ ބިރުވެރި ފިލްމަކީ 15،000 ޑޮލަރުގެ ބަޖެޓެއްގައި ތައްޔާރުކޮށްފައިވާ ސްލެޝާ ބިރުވެރި ފިލްމެކެވެ. މި ފިލްމު ދުނިޔޭގެ ސިނަމާތަކުގައި އަޅުވާފައި ނުވާއިރު އަދި މިހާތަނަށް ދައްކާފައިވަނީ ހަމައެކަނި މެކްސިކޯ އާއި އިނގިރޭސިވިލާތުގައެވެ. ނަމަވެސް މިހާތަނަށް އެ ފިލްމުގެ އާމްދަނީ ވަނީ ދެ މިލިއަން ޑޮލަރާ ގާތްކޮށްފައެވެ. މިއީ ކުޑަ ބަޖެޓެއްގެ ފިލްމަކާ ބަލާފައި ބޮޑު އާމްދަނީއެކެވެ.

މި މަހުގެ 15 އިން ފެށިގެ އެމެރިކާގެ 1،500 ސިނަމާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ދައްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ފިލްމަށް ލިބޭ އާމްދަނީ އިތުރަށް ބޮޑުވެގެންދާނެއެވެ.

ފިލްމު ލިޔެ އަދި ޑައިރެކްޓްކުރަނީ ރައިސް ފްރޭކް ވޯޓަފީލްޑްއެވެ. ޕޫގެ ވާހަކަ ނަމުގައި ހިމެނުމާއެކު މި ފިލްމަށް އިންތިޒާރުކުރާ ގިނަ ބައެއްގެ މެދުގައި ވަނީ ފިލްމަށް ޝައުގުވެރިކަން އުފެދިފައެވެ. އަދި އެ ކެރެކްޓާތައް ބޭނުންކޮށްގެން ބިރުވެރި ފިލްމެއް އުފައްދާނެ ގޮތެއް ހޯދުމަށް ގިނަ ބަޔަކު ބޭނުންވާތީ އެ ވާހަކަ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވައިރަލް ވެސް ވެފައެވެ.

ރައިސް އަކީ މީގެ ކުރީން ފިލްމެއް އުފައްދާފައިވާ މީހެއް ނޫނެވެ. އަދި ފިލްމުގެ ކާސްޓުގައި ވެސް ހިމެނޭނީ މީގެކުރިން ފެނިފައި ނުވާ ތަރިންނެވެ.