09 Feb 2023, 09:44
އެކްޓަރު ވަރުން ދަވަން ލީޑްރޯލްއިން ފެނިގެންދާ އެމޭޒަންގެ ވެބް ސީރީސްއިން ބަތަލާގެ ރޯލް ކުޅޭނީ ސައުތް ސިނަމާގެ ބަތަލާ ސަމަންތާ ރިތް ޕްރަބޫކަން ކަށަވަރުވެއްޖެއެވެ.
"ސިޓަޑެލް"ގެ ނަމުން މަޝްހޫރު މި ސީރީސްއަކީ، އެވެންޖާސްގެ ފިލްމުތައް ގެނެސްދިން އެންތަނީއާއި ޖޯ ރުސޯ އެމޭޒަން ޕްރައިމް ވީޑިއޯއާއި ގުޅިގެން ގެނެސްދޭ މިސީރީސްގެ އިންޑިއަން ވާޝަންއެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މިސީރީސްގެ ހިންދީ ބައި ތައްޔާރުކުރާނީ އެމޭޒަން ޕްރައިމްއިގެ ކާމިޔާބު ސީރީސް "ފެމިލީ ރޫމް" ގެނެސްދިން ރާޖް އަދި ޑީ.ކޭއެވެ. ހިންދީ ސީރީސްގެ ސްކްރިޕްޓް އުފެއްދުމުގައިވެސް ރާޖްއާއި ޑީކޭ ބައިވެރިވާނެއެވެ.
މިސީރީސްގެ ޕްރޮޑަކްޝަން ޓީމުން މުމްބާއީގައި ކޮންމެވެސް ވަރަކަށް ޝޫޓިންގް ކުރިޔަށް ގެންދަން ނިންމާފައިވާއިރު އުތުރު އިންޑިއާގައިވެސް ސީރީސްގެ ބައެއް މަންޒަރުތައް ޝޫޓްކުރާނެއެވެ. އެއަށްފަހު ސާބިއާ އަދި ސައުތް އެފްރިކާގައި މިސީރީސްގެ މުހިއްމު ބައިތަކެއް ޝޫޓްކުރުމަށްވަނީ ނިންމާފައެވެ. މިވެބް ސީރީސްގެ އަސްލު ސީރީސް "ސިޓަޑެލް"އިން ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާވެސް މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. ހިންދީ ސީރީސްގެ ބަތަލާ ސަމަންތާއަކީ މީގެކުރިންވެސް ރާޖްއާއި ޑީކޭއާއި ވަރަށް ގާތުން މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.
"ފެމިލީ ރޫމް 2"ގައި ބަތަލާ ކުޅުނު ރޯލަށް ގިނަ ބައެއްގެ ތަޢުރީފުވަނީ ލިބިގެންގޮސްފައެވެ. އަދި ބޮލީވުޑްއިން ސަމަންތާއަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް މަގުފަހިވެގެންދިޔަ ސީރީސްއަކަށް "ފެމިލީ ރޫމް2"ވަނީ ވެގެންގޮސްފައެވެ.
ރާޖްއާއި ޑީކޭ ބުނެފައިވަނީ އަނެއްކާވެސް ސަމަންތާއާއެކު ވަރުގަދަ ވެބް ސީރީސްއެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމުން ވަރަސް އުފާވާކަމަށެވެ.
ސަމަންތާގެ ރޯލް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކެތްމަދުވެފައިވާކަމަށްވެސް ޑައިރެކްޓަރުންވަނީ ބުނެފައެވެ. ސަމަންތާ އެންމެ ފަހުން ފެނިގެންދިޔައީ، އެމޭޒަންއިން ޕްރިމިއާކުރި ތެލުގޫ ފިލްމު "ޔަޝޯދާ"އިންނެވެ.