ކޮވިޑް 19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ތައާރަފްކުރި ކޮވިޑް 19 ރިކަވަރީ ލޯން ސްކީމުން ލޯން ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އެގޮތުން، އެފަރާތްތަކުގެ ތެރެއިން އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް 19 މަސްދުވަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަށް އިތުރުކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ގްރޭސް ޕީރިއަޑް އިތުރުކުރެވޭނީ ކުރިން މިމުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް އިތުރުކޮށްދީފައި ނުވާ ފަރާތްތަކަށެވެ. އަދި، ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ގްރޭސް ޕީރިއަޑް ހިމެނޭހެން ޖުމްލަ 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯން ނަގާފައިވާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސްކީމަކީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ސްކީމެކެވެ. އެހެންކަމުން ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ މިނިސްޓްރީގެ މަގްސަދެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ފިނޭންސް މިނިސްޓްރީން ބުނީ އެފައިސާ އަނބުރާ ހޯދުމަކީ އެފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާ ކަމެއް ކަމަށެވެ. އެގޮތުން ކޮވިޑްގެ ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމްލަ 19 މަހަށް ގްރޭސް ޕީރިއަޑަށް އިތުރުކުރުމަށް އެދޭ މީހުންނާއި، ލޯނު ރީޝެޑިއުލްކުރަން އެދޭ ފަރާތްތަކުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.