09 Feb 2023, 14:46
ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ދިފާއީ ހެއްކެއް ބަލައި ގަތުމަށް ޝަރީއަތުން ނިންމައިފިއެވެ.
މުއިއްޒުއާ ދެކޮޅަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލާގައި ނޫމަޑީގެ ހެކިވެރިއަކަށްވެ އޭނާ ދޮގު ބަޔާންދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެ މައްސަލައާ ގުޅިގެން ދިފާއުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން ބައެއް ހެކި ބަލައިނުގަތުމަށް ދައުލަތުން އޮތީ އެދިފައެވެ. އޭގެ ތެރޭގައި 16 ހެކިވެރިއެއްގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ރައިސުލްޖުމްހީރިއްޔާގެ އޮފީހުގެ ދެންނެވުމެއް ވެސް ހިމެނެއެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ ތަހުގީގު މަރުހަލާގައި މުއިއްޒު ހަނު ހުންނެވުމުން ދިފާއުން ހުށަހެޅި ހެކިތައް ބަލައި ނުގަތުމަށް ޝަރީއަތުން ނިންމައި ދެއްވުމަށެވެ.
"ޝަރީއަތަށް ނިންމުނު ގޮތަކީ މި މައްސަލައިގަ ދިފާއުން ހުށަހެޅި ހެކިތަން ބަލައި ނުގަތުމަށް މަގުބޫލު ސަބަބެއް ދައުލަތަށް ދެއްކިފަ ނުވާ ކަމަށް," މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބު ވިދާޅުވިއެވެ.
އެހެންކަމުން ދިފާއުން ހުށަހަޅާފައިވާ ހުރިހާ ހެއްކެއް ވެސް މި މަރުހަލާގައި ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ގޮތެއް ކަނޑައެޅުމަށްފަހު ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމަކީ ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުން ކަމަށެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުންކަން ގާޒީ އިއުލާނު ކުރެއްވިއެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ދައުލަތުން ކުރި ދައުވާގައި ވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ޑރ. މުއިއްޒު ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރުކުރައްވައެވެ.