މާލޭ ސިޓީގެ މަގުމަތީގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ބަޔަކު މަސްތުވާތަކެތި ވިއްކާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.

މަތިން ނަގާފައިވާ 40 ސިކުންތުގެ އެ ވީޑިއޯގައި ފެންނަނީ ސައިކަލެއް މަތީގައި ވަރަށް ހަމަޖެހިލައިގެން އިން ޒުވާނަކު ބަޔަކަށް މަސްތުވާތަކެތި ވިއްކާ މަންޒަރެވެ. އޭނާ ކައިރީގައި އެހެން ސައިކަލެއްގައި އިން މީހަކު ސަތޭކަ ރުފިޔާ ދިއްކޮއްލުމުން އަތަށް ޕެކެޓެއް ދެއެވެ.

އެވަގުތު ކިޔުގައި ތިބި އެހެން ދެ ޒުވާނަކު ކައިރިވެލާފައި ފައިސާ ދިނުމުން އެމީހުންގެ އަތަށް ވެސް ކޮންމެވެސް އެއްޗެއް ދޭތަން ފެނެއެވެ.

ޑުރަގު ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، ތަންތަނަށް ބިއްޖެހިފައި ތިބޭ ޒުވާނުން މާލެތެރެއިން ފެންނަލެއް ގިނަވެއްޖެއެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާ މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށް ވާއިރު މި މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން ދެއެވެ.