11 Feb 2023, 09:59
މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު ހުޅުވާލައިފިއެވެ.
ކުޑަގިރި ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ. އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުޑަގިރި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލޭގައި އުޅޭ ރައްޔިތުންނަށް މި ގޮނޑުދޮށްތަކުގެ އުފާވެރިކަން އިހުސާސް ނުކުރެވޭކަމަށެވެ.
މީގެކުރިން މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ބޭނުންކުރި ކުޑަބަނޑޮސް އޭރުގެ ސަރުކާރުން ނެގުމުގެ ސަބަބުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ރާއްޖޭގެ އެހެން ރަށްރަށުން ލިބެންހުރި ހިތްފަސޭހަ، ހިތްގައިމު މާޙައުލުން މަޙުރޫމްވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުޑަގިރި މަޝްރޫޢަކީ މުހިއްމު މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގައި ތޮއްޖެހިގެން ނުތަނަވަސްކަމެއްގެ ތެރޭގައި ދިރިއުޅޭ ފަރާތްތައް ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ކުޑަގިރި ތަރައްޤީކުރި މައިގަނޑު މަޤްސަދުކަމަށެވެ.
ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ކުޑަގިރިއާ ޖެހިގެން ސްކޫލް ކުދިން ކޭމްޕް ކުރުމަށް ތަރައްޤީކުރުމަށް ނިންމާފައިވާ އިތުރު ރަށެއް އަވަހަށް ނިންމަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
"އެއީ އެޑިއުކޭޝަން ދާއިރާގައި ތަޢުލީމު އުނގެނެމުންދާ ދަރިވަރުން ދަތުރުދާނެ އަދި ކޭމްޕްކޮށް، ސްކައުޓް އަދި ގާލްގައިޑުންނަށް އެޚިދުމަތް ލިބޭނެ ގޮތަށް ތަރައްޤީކުރެވޭ ރަށެއް،" ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކާއި ޕްލޭނިން މިނިސްޓްރީގެ އެހީތެރިކަމާ އެކު ނިންމާފައިވާ ޕްރޮޖެކްޓެއްކަމަށެވެ.
މާލެ ސަރަހައްދުގެ ތޮށްޖެހުމާ ގުޅިގެން ރައްޔިތުންނަށް އުފާ ފާގަތި ހިތްގައިމު މާހައުލެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
އަދި މާލެ ކައިރީ އޮތް ކުޑަ ބަނޑޮސް ބޭނުން ނުކުރެވުމާ އެކު މި ރަށް ހުޅުވި، މާލެ ސަރަހައްދުގެ ރައްޔިތުންނަށް މި ޚިދުމަތް ލިބިގެންދާކަމީ ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުޑަގިރި ރަސްމީކޮށް ހުޅުވުން -- ފޮޓޯ/ ތައީސް އޮފީސް
ދިވެހީންނަށް ކުޑަގިރީގެ އަގުތައް:
ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެންޓްރޭންސް ފީ ހުރިހާ ދިވެހީންނަށް ހިލޭވާނެއެވެ.
ހަފުތާ ދުވަސްތަކުގެ އެންޓްރޭންސް ފީ އަގުތައް:
ދެ އަހަރާއި 11 އަހަރުގެ ކުދިންނަށް - 25 ރުފިޔާ
12 އަހަރުން މަތީ މީހުން - 50 ރުފިޔާ
ދެ އަހަރުން ދަށުގެ ކުދިން - ހިލޭ
65 އަހަރުން މަތީގެ މީހުން - ހިލޭ
ފެރީގެ އަގުތައް:
ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ފެރީގެ އަގު ހިލޭވާނެއެވެ. އެ ނޫން ދުވަސްތަކުގެ އަގުތަކަކީ:
ދެ އަހަރާއި 11 އަހަރުގެ ކުދިންނަށް - 25 ރުފިޔާ
12 އަހަރުން މަތީ މީހުން - 50 ރުފިޔާ
ދެ އަހަރުން ދަށުގެ ކުދިން - ހިލޭ
65 އަހަރުން މަތީގެ މީހުން - ހިލޭ
ބިދޭސީންގެ އިތުރުން އެ ރަށަށް ދާ ފަތުރުވެރިންނަށް އަގުތައް ހަމަޖައްސައިފައި ހުންނަނީ ތަފާތު ރޭޓެއްގައެވެ.
ކުޑަގިރީގައި ކައްކައި ކާން ތިބެވޭނެހެން އެކި ބޮޑުމިނުގައި ހިޔާކޮށްފައި ހުންނަ އަށި ހުންނަނީ ހަދައިފައެވެ. ކަރަންޓާއި ފެން ވެސް މި އަށިން ލިބޭނެއެވެ.
ކުޑަ 13 އަށި ހުރެއެވެ. މި އަށިތައް ބުކްކުރަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު ވެސް އޮންނާނެއެވެ.
ކުޑަގިރި ޕިކްނިކް އަށީގެ އަގުތައް
ކުޑަ އަށި އެކްސްކްލޫސިވް:
މުޅި ދުވަހަށް - 500 ރުފިޔާ
ދުވަހުގެ އެއް ބަޔަށް - 250 ރުފިޔާ
ބޮޑު އަށި އެކްސްކްލޫސިވް:
މުޅި ދުވަހަށް - 1،200 ރުފިޔާ
ދުވަހުގެ އެއް ބަޔަށް - 650 ރުފިޔާ
ބޮޑު އަށި ޝެއާޑް:
މުޅި ދުވަހަށް - 250 ރުފިޔާ
ދުވަހުގެ އެއް ބަޔަށް - 450 ރުފިޔާ
ރަށުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ކުޑަގިރީގެ ޚާއްސަ ސެކިއުރިޓީ ޓީމުންނެވެ. ހަމައެއާއެކު 40 ސީސީޓީވީ ކެމެރާ ރަށުގެ އެކި ހިސާބުތަކުގައި ވަނީ ރަށް މޮނީޓަރުކުރުމަށް ހަރުކޮށްފައެވެ.
ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ.
ރަށުގެ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފި ނަމަ ފިޔަވަޅު އަޅާނެއެވެ. ހަމައެއާއެކު ހަމަނުޖެހުމެއް އުފެދޭފަދަ އެއްވެސް ކަމެއް މީހަކު ކޮށްފިނަމަ އެ މީހަކަަށް އަލުން އެ ރަށަށް ދިއުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.