12 Feb 2023, 11:27
ވޮޝިންޓަން (12 ފެބްރުއަރީ 2023): ރަޝިއާއާ ހަނގުރާމަ ކުރުމަށްޓަކައި ޔުކްރެއިންއަށް ފައިޓާޖެޓް ނުވަތަ ހަނގުރާމަމަތީ މަތިންދާބޯޓު ފޯރުކޮށްދިނުމަކީ ހުޅަނގަށް ވަރަށް ދަތިކަމެއްކަމަށް އެމެރިކާގެ މަޖައްލާއެއްކަމަށްވާ "ނިއުސްވީކް" ބުނެފިއެވެ.
ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ "ނިއުސްވީކް"ގައިވާ ރިޕޯޓެއް ބުނާގޮތުން ޔުކްރެއިންއަށް ފައިޓާޖެޓް ފޯރުކޮށްދިނުމުގައި ހުޅަނގުގެ ގައުމުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އޭގެތެރޭގައި ޔުކްރެއިންގެ ޕައިލެޓުންނަކީ ރަޝިއާގައި އުފައްދާ ފައިޓާޖެޓްތަކަށް ތަމްރީންވެފައިވާ ބައެއްކަމަށްވާތީ އަލުން އެމީހުންނަށް ތަމްރީންދޭން ޖެހުމާއި ޔުކްރެއިނަށް ފައިޓާޖެޓް ފޯރުކޮށްދޭނަމަ ރަޝިއާގެ ހަމަލާތައް ވަރުގަދަވުމުގެ ބިރު އޮތުމާއި ރަޝިއާއިން ހުޅަނގުގެ ބައެއް ފައިޓާޖެޓްތައް ވައްޓާލައި އޭގެ ޓެކްނޮލޮޖީ ދެނެގަންފާނެކަމުގެ ބިރު އޮތުން ހިމެނެއެވެ.
މީގެ އިތުރުން މަދު އަދަދެއްގެ ފައިޓާޖެޓް ދިންނަމަވެސް އެއިން ރަޝިއާ ބަލިކުރެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތުމާއި ޔުކްރެއިން ބޭނުންވާވަރަށް ދިގުމުއްދަތަކަށް ފައިޓާޖެޓް ފޯރުކޮށްދޭވަރަށް ހުޅަނގުގައި އޭގެ ސްޓޮކް ނެތުންވެސް ހިމެނެއެވެ.

ހެރިއަރ މަރުކާގެ ފައިޓާޖެޓެއް
ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވަނީ ރަޝިއާ އާ ހަނގުރުމަ ކުރުމަށް ބޭނުންވާ ފައިޓާޖެޓް ހޯދުމަށް އިނގިރޭސިވިލާތަށް މިދިޔަ ހަފުތާގައި ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް އިނގިރޭސި ބޮޑުވަޒިރު ރިޝީ ސުނަކް ވަނީ އެކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ އަމަނާއި ސަލާމަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށްފަހުގައި ނޫނީ ޔޫކްރޭނަށް ފައިޓާޖެޓް ނުދެވޭނެކަން ޒެލެންސްކީއަށް ދަންނަވާފައެވެ.
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވާގޮތުގައި ޔުކްރެއިނަށް ފައިޓާޖެޓް ފޯރުކޮށްދީފިނަމަ ރަޝިއާގެ ފަރާތުން އިނގިރޭސިވިލާތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ވެދާނެކަމުގެ ބިރު އޮތްކަމުގެ ޖާސޫސީ މައުލޫމާތުތަކެއްވަނީ ލިބިފައެވެ. މިއާއެކު އިނގިރޭސި ސަރުކާރުންވަނީ ޔުކްރެއިނަށް ފައިޓާޖެޓް ފޯރުކޮށްދިނުމަށް ފަސްޖެހިފައެވެ.
ޒެލެންސްކީގެ ދަތުރުފުޅަށްފަހު އިނގިރޭސި ބޮޑުވަޒީރު ރީޝީ ސުނަކްގެ ތަރުޖަމާނަކުވަނީ ޔޫކްރޭނަށް ފައިޓާޖެޓް ފޮނުވުމަށް އިނގިރޭސި ސަރުކާރުން އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާކަމުގައެވެ.
އިނގިރޭސިވިލާތަކީ އަސްކަރީ މަތިންދާބޯޓާއި ފައިޓާޖެޓް އުފެއްދުންފަދަ އަސްކަރީ އޭވިއޭޝަންގެ ދާއިރާގައި މާކުރިއަރާފައިވާ ގައުމެއްނޫނެވެ. އިނގިރޭސި ސިފައިން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އެގައުމުގައި ވަރަށް ކުރިން އުފެއްދި "ހެރިއާ" މަރުކާގެ ޒަމާނާ ނުގުޅޭ ފައިޓާޖެޓް ތަކެކެވެ. މިޖެޓްތައްވެސް އުފެއްދީ އެމެރިކާގެ އެހީއާއެކުގައެވެ.
"ހެރިއާ" މަރުކާގެ ޓެކްނޮލޮޖީ އިނގިރޭސީންނަށް އިތުރަށް ތަރައްގީ ނުކުރެވުމުން ފަހުން އިނގިރޭސީން ވަނީ އޭގެ ބަދަލުގައި ޖަރުމަނާ ގުޅިގެން ޓޯނާޑޯ މަރުކާގެ ފައިޓާޖެޓް އުފައްދައި އިނގިރޭސި އަސްކަރިއްޔާގައި އެބޯޓުތައް ބޭނުންކުރަން ފަށާފައެވެ. "ޓޯނާޑޯ"ގެ އިތުރުން ދެން އިނގިރޭސި އަސްކަރިއްޔާގައި ބޭނުންކުރަނީ ޔޫރަޕްގެ އެތައް ގައުމެއް ގުޅިގެން އުފައްދާ "ޓައިފޫން" މަރުކާގެ ފައިޓާޖެޓާއި އެމެރިކާގައި އުފައްދާ "ފެންޓަމް" މަރުކާގެ އެކި ފައިޓާޖެޓެވެ.
"ފެންޓަމް" މަރުކާގެ ޖެޓް ޔުކްރެއިންއަށް ދެވޭނީ އެމެރިކާގެ ރުހުން ލިބިގެންނެވެ. "ޓޯނާޑޯ" ޖެޓް ދެވޭނީ ޖަރުމަނުގެ ހުއްދަ ލިބިގެންނެވެ. "ޓައިފޫން" މަރުކާގެ ފައިޓާޖެޓް ދެވޭނީ ޖަރުމަނާއި ފަރަންސޭސިވިލާތް ހިމެނޭގޮތަށް ޔޫރަޕްގެ އެތައް ގައުމެއްގެ ރުހުން ލިބިގެންނެވެ.