14 Feb 2023, 10:02
ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ބްލޭކް ލައިވްލީ އާއި ރާޔަން ރޭނޮލްޑްސް އަށް ހަތަރުވަނަ ދަރިއަކު ލިބިއްޖެއެވެ.
ގިނަ ބަޔަކު އަދިވެސް "ޕަވާ ކަޕުލް"ގެ ގޮތުގައި ދެކެމުންދާ މި ދެމަފިރިންނަށް ހަތަރުވަނަ ދަރިއެއް ލިބެން އުޅޭކަން ހާމަވެފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައެވެ. ދިހަވަނަ އަހަރީ 'ފޯބްސް ޕަވާ ވުމަން ސަމިޓް"އަށް މިދިޔަ އަހަރު ދެމީހުން އެކީގައި ދިޔައިރު ބްލޭކް ބަނޑުބޮޑުކަން ހާމަކޮށްފައިވަނީ އިވެންޓު ތެރެއިންނެވެ.
ބްލޭކް އާއި ރާޔަން އަށް ހަތަރުވަނަ ދަރިއަކު ލިބިފައިވާ ކަން އިއުލާނުކޮށްފައިވަނީ އޭނާ ސޯޝަލް މީޑިއާއަށް ޕޯސްޓުކުރި ފޮޓޯއަކުންނެވެ. މި ފޮޓޯގައި ބްލޭކް އާއި ރާޔަންގެ އިތުރުން ރާޔަންގެ މަންމެ ފެނެއެވެ. އެ ޕޯސްޓުން ބްލޭކް އިޝާރާތް ކުރަނީ ދަރިއެއް ލިބުމަށް ފަހު ރިކަވަރީގައި އުޅޭ ވާހަކައަށެވެ.
ބްލޭކް އަށް ލިބިފައިވާ ދަރިއާ ގުޅޭ މާ ގިިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ދެމަފިރިންގެ ހަތަރުވަނަ ދަރިފުޅުގެ އިތުރުން ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިން ތިބެއެވެ. އުމުރުން ހަތް އަހަރުގެ ޖޭމްސް އަކީ ދެމަފިރިންގެ އެންމެ ދޮށީ ދަރިއެވެ. އެއަށްފަހު ތިބެނީ ހަ އަހަރުގެ އިނެޒް އާއި ތިން އަހަރުގެ ބެޓީއެވެ.
ރާޔަން މީގެ ކުރިން އަސް ވީކްލީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކްޓިން އިން އޭނާ ބްރޭކް އެއް ނަގާ ކަމަށާއި، ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެއްކަން އެނގޭ ކަމަށެވެ. އަދި އެ ސަބަބަށް ބްރޭކް އެއް ނެގުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށް ބުނެފައިވެއެވެ.
ދަރިން ސްކޫލަށް ގެންދިއުމާއި ދަރިންގެ ކަންކަން ކުރުމަށް ލޯބިކުރާ ކަމަށް އޭނާގެ އިންޓަވިއުގައި ބުނެއެވެ.
މިދެތަރިން އެކުގައި ފެންނަން ފެށީ 2010 ވަނަ އަހަރު ނެރުނު 'ގްރީން ލެންޓާން' ފިލްމަށް ފަހުއެވެ. އަދި 2012 ވަނަ އަހަރު މި ދެ ތަރިން ވަނީ ކައިވެނިކޮށްފައެވެ.