21 Feb 2023, 11:21
މަހަކު ދެ ބިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުންނާއެކު ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިން ޚިދުމަތުގެ ގޮތުގައި އޮތް ވަޓްސްއެޕްއިން އަނެއްކާވެސް ޓެލެގްރާމްގެ މަގުބޫލު ފީޗާއެއް ކޮޕީކޮށް ޓެސްޓް ކުރަމުންދާ ކަމަށް ބައެއް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.
މިފަހަރު ވަޓްސްއެޕްއިން ކޮޕީކުރިކަމަށް ބުނާ ފީޗާއަކީ ޓެލެގްރާމްގެ އެންމެ ބޭނުންތެރި އެއް ފީޗާ ކަމަށްވާ "މެސެޖް ޕިން" ކުރާ ފީޗާއެވެ.
ވަޓްސްއެޕްއާ ބެހޭ މައުލޫމާތު ގެނެސްދޭ "ޑަބްލިއުއޭބީޓާއިންފޯ"އިން ބުނި ގޮތުގައި ވަޓްސްއެޕްއިން މިހާރު ވަނީ "މެސެޖް ޕިން" ފީޗާ ޓެސްޓު ކުރަން ފަށާފައެވެ. އެހެންކަމުން ވަޓްސްއެޕް ބޭނުންކުރާ ބައެއް މީހުންނަށް މިހާރު، މެސެޖުތައް ބެލުމަށާއި ޕިން ކުރުމަށް އެ އެޕްގެ އެންމެ ވާޝަންއަށް އަޕްޑޭޓް ކުރުމަށް އަންގާ ނޮޓިފިކޭޝަނެއް ލިބެމުންދާނެއެވެ. އެންމެ ފަހުގެ ވާޝަންއަށް ވަޓްސްއެޕް އަޕްޑޭޓް ކުރުމުން އެ މީހުންނަށް އާ ފީޗާ ލިބޭނެއެވެ.
"މެސެޖް ޕިން" ފީޗާއާއެކު ޗެޓެއްގެ އެންމެ މަތީގައި މެސެޖެއް އަބަދުވެސް ފެންނަ ގޮތަށް ބެހެއްޓުމުގެ ފުރުސަތު ލިބޭއިރު، އެ މެސެޖެއްގައި ހުންނަ މުހިންމު މައުލޫމާތު ހޯދުމަށް އޭގެ ސަބަބުން ފަސޭހަވާނެއެވެ. ޚާއްސަކޮށް ގުރޫޕް ޗެޓްތަކުގައި މި ފީޗާ އަކީ ހުރިހާ މެމްބަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، މުއާމަލާތް ކުރުމަށް ކޮންމެހެން ބޭނުންތެރި ފީޗާއެކެވެ. މި ފީޗާ ވަޓްސްއެޕް ބޭނުންކުރާ އެންމެންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މެސެޖް ޕިނިންގެ އިތުރުން ވެސް ވަޓްސްއެޕުން ވަނީ އެ ކުންފުނީގެ ސްޓޭޓަސް ފީޗާ އަޕްޑޭޓްކޮށް، އެއްފަހަރާ ފޮނުވޭނެ އެންމެ ގިނަ ފޮޓޯ އިތުރުކުރުން ފަދަ އިތުރު ފީޗާތަކެއް ތައާރަފުކޮށްފައެވެ.
މީގެ އިތުރުން، މީހަކު ދައްކާ ވާހަކައިން މެސެޖުތައް ލިޔެވޭ ފީޗާއެއްވެސް ވަރަށް އަވަހަށް ތަޢާރަފު ކުރުމަށް ވަޓްސްއެޕްއިން ދަނީ ތައްޔާރުވަމުންނެވެ.
އެ ފީޗާގެ މަސައްކަތް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރަމުން އަންނައިރު ވަރަށް އަވަހަށް މި ފީޗާ ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވަޓްސްއެޕްއަކީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ މެސެޖިން ޚިދުމަތަށް ވީ ނަމަވެސް އޭގެ އާ ފީޗާތަކަށް ބަލާއިރު ޓެލެގްރާމްގެ ފީޗާތައް ބޭނުންކުރާ ވަރު ގިނައެވެ. ޓެލެގްރާމަކީ އީޖާދީ ފީޗާތަކަށް މަޝްހޫރު ކުންފުންޏަކަށް ވާއިރު، ވަޓްސްއެޕުން އަންނަނީ އޭގެ ތެރެއިން ބައެއް ފީޗާތައް އެ ކުންފުނީގެ ޕްލެޓްފޯމްގައި ހިމެނުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޓެލެގްރާމްއިން ތަޢާރަފު ކުރި ފަހުން ވަޓްސްއެޕްއިން ކޮޕީކުރި ކަމަށް ބުނާ ފީޗާތަކުގެ ތެރޭގައި 'މެސެޖް މެންޝަންސް' އާއި 'ޑުއަލް ވެރިފިކޭޝަން' ހިމެނެއެވެ.
އާންމުންނަށް ދޫކޮށްލުމުގެ ކުރިން އާ ފީޗާތައް ޓްރައި ކުރަން ބޭނުންވާ ފަރާތްތަކުން ވަޓްސްއެޕް ބީޓާ ޕްރޮގްރާމަށް ސައިން އަޕް ކުރަން ޖެހެއެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންނަށް ދޫކޮށްލުމުގެ ކުރިން އާ ފީޗާތައް ޓެސްޓްކޮށް ވަޓްސްއެޕް ޓީމަށް ފީޑްބެކް ދެވޭނެއެވެ.