މިމަހުގެ ހަތްވަނަ ދުވަހު ކައިވެނިކުރި ބޮލީވުޑުގެ ދެ ތަރިން ކަމަށްވާ ބަތަލާ ކިއާރާ އަދުވާނީއާއި އެކްޓަރު ސިދާތު މަލްހޯތްރާ އެކީގައި ކުޅޭ ތިން ފިލްމަކަށް ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮލީވުޑްގެ އެންމެ ނަން ހިނގާ އަދި ފޭނުންގެ މެދުގައިވެސް މަޤުބޫލު މިޖޯޑުގެ ކައިވެންޏަށްފަހު ދެ ތަރިންގެ ކައިވެނީގެ ހަފުލާތަކާ ބެހޭ ޚަބަރު މީޑިއާއިން އަންނަނީ ގެނެސްދެމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެ ތަރިން ސޮއިކޮށްފައިވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ކުންފުނީގެ ތިން ފިލްމަކަށެވެ. މިޚަބަރު ބޮޑަށް ފެތުރިފައި މިވަނީ ސިދާތުއާއި ކިއާރާގެ ކައިވެނީގެ ހަފުލާއަށް ދަޢުވަތު ދެވުނު ޚާއްޞަ މީހުންގެތެރޭގައި ކަރަންވެސް ހިމެނިފައިވާތީއެވެ.

ކަރަންއަކީ ސިދާތު ބޮލީވުޑަށް ލޯންޗުކުރި ދަރްމާގެ ބާނީގެ އިތުރުން ސިދާތުގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރުވެސްމެއެވެ. މީގެއިތުރުން ކިއާރާއާއި ސިދާތުގެ ވަރަށް ގާތް އެކުވެރިންގެ ތެރޭގައި ކަރަން ޖޯހަރު ވެސް ހިމެނެއެވެ. މިހާތަނަށް ސިދާތުއާއި ކިއާރާ ފެނިގެންގޮސްފައިވަނީ ދަރްމާ ކުންފުނިން ގެނެސްދިން ކާމިޔާބު ފިލްމު "ޝޭރްޝާހް"އިންނެވެ. އިންޑިއާގެ އަސްކަރިއްޔާގެ އެންމެ ޝަރަފްވެރި މަގާމު ލިބިފައިވާ މިލިޓަރީ ހީރޯ ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފެއްދި "ޝޭރްޝާހް"އަކީ ވިޔަފާރީގެ ގޮތުން ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ސިދާތުގެ އިތުރުން ބަތަލާ ކިއާރާ އަދުވާނީގެ ފިލްމީ ކެރިއަރުވެސް ކާމިޔާބުވުމުގެ ފަހަތުގައިވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުއެވެ. ކަރަން ޖޯހަރުގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް"އަށްފަހު ކިއާރާއަށް ހިންދީ ސިނަމާގެ ގިނަ ހުށަހެޅުންތަކެއްވަނީ ލިބިފައެވެ.

ދަރްމާ ކުންފުނީގެ ގިނަ ފިލްމުތައް ކާމިޔާބުވުމުގެ ސިއްރަކީ ބަތަލާ ކިއާރާ އަދްވާނީ ކަމަށް ވެސް ކަރަން ވަނީ ފިލްމު "ޖުގް ޖުގް ޖިއޯ"ގެ އިވެންޓެއްގައި ބުނެފައެވެ. މިހާތަނަށް މިޚަބަރުތައް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައި ނުވާއިރު ދެތަރިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދެ ފަރާތުގެ އާއިލާގެ އިތުރުން ދެ ތަރިން އެކީގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށެވެ. އަދި ފިލްމީ މަސައްކަތަށް ނިކުންނާނެ ވަކި ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.