16 Feb 2023, 21:10
އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ކޭބަލް ޝޮޕް" އަށް 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ފެނަކައިގެ މައްޗަށް ދައުވާކޮށްފައިވަނީ މުހައްމަދު ޝާމިން ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ރަޖިސްޓާކޮށްފައިވާ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކޭބަލް ޝޮޕް" ގެ ފަރާތުން ފެނަކައަށް ސަޕްލައިކޮށްފައިވާ މުދަލަށް އަގު ހޯދުމަށް އެ ކުންފުންޏަށް ފޮނުވި އިންވޮއިސްއަށް ފެނަކައިން ފައިސާ ދައްކާފައި ނުވާތީއެވެ.
އެ ދައުވާގައި ބުނެފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ފެނަކައިން ޖުމްލަ 27،655،816 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ޝާމިންގެ ފަރާތުން އެ މައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅުމުން، ފެނަކައިގެ ފަރާތުން ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އަހަރުގެ މާޗް މަހު ދެފަރާތުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް ހަދާފައެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ފެނަކައިން ދައްކަން ޖެހޭ 11.8 މިލިއަން ދައްކާފައި ނުވާތީ އާއި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިބާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ކޭބަލް ޝޮޕްގެ ފަރާތުން ވަނީ އެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައެވެ.
މި ދައުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ފެނަކައަށް ފޮނުވާފައި ވީނަމަވެސް، ދައުވާ ފޯމް ރައްދުކުރާތާ 14 ދުވަހުގެ ތެރޭގައި ދައުވާއަށް ދޭން ޖެހޭ ރައްދު އެކުންފުނިން ދީފައެއް ނުވެއެވެ.
އެހެންކަމުން ފެނަކައިގެ ޣައިރު ހާޒިރުގައި، ދައުވާއާ މެދު ގޮތެއް ނިންމައި 9.6 މިލިއަން ރުފިޔާ ނަގައިދިނުމަށް ޝާމިންގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ. އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ އެ ފައިސާއަކީ ފެނަކައިން ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށާއި، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަމުރު ކުރާ ކަމަށެވެ.