17 Feb 2023, 00:42
މާލެއިން ގެއްލިގެން ހޯދަމުންދާތާ ދެ ހަފުތާ ވާން ގާތްވެފައި ވަނިކޮށް، ސ. މަރަދޫފޭދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ފެނިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އާސިރު ފެނުނު ނަމަވެސް، އޭނާ ހުރި ހާލެއް މިހާތަނަށް ސާފެއް ނުވެއެވެ. ހޯމް މިނިސްޓަރުގެ ޓްވީޓުގައި ހަމައެކަނި ވިދާޅުވީ އޭނާ ސަލާމަތުން ހުއްޓާ ފެނިފައިވާ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
އޭނާ ފެނުމުގެ ކުރިން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އާސިރު ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދިރިއުޅޭގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާތައް ބަލާފައިވާކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނައިރުގެ ފުޓޭޖް މިހާރު ބަލާފައި ވާކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި ކ. މާފުށީގެ ހުރިހާ ގެސްޓްހައުސްއަކާއި އަތޮޅުތެރޭ ގެސްޓްހައުސް ތަކުން އެއްވެސް ޚިދުމަތެއް ހޯދާފައިވޭތޯ ބަލައި، އެއާލައިނެއްގައި އެއްވެސް ތަނަކަށް ފުރައިގެން ނުދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.