20 Feb 2023, 10:08
ލަވަކިޔުންތެރިޔާ މާކް އެންތަނީ އާއި އޭނާގެ ޒުވާން އަންހެނުން ނާދިއާ ފެރޭރާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކޮށްފިއެވެ.
"ރެއިން އޯވާ މީ"ގެ ލަވަކިޔުންތެރިޔާ މާކް އެންތަނީ ވަނީ ދާދިފަހުން، މިސް ޔުނިވާސް މުބާރާތުގައި ވާދަކުރި ނާދިއާއާ ކައިވެނިކޮށްފައެވެ. ދެމީހުންގެ ގުޅުމާ ހެދި އާންމުންގެ ތެރޭގައި ތަފާތު ވާހަކަތަކެއް ދެކެވެމުން ދަނިކޮށް އެންތަނީ އިއުލާނުކޮށްފައިވަނީ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭ ކަމެވެ.
އޭނާ ބުނާގޮތުގައި އެއީ އޭނާއަށް ވެލެންޓައިންސް ދުވަހު ލިބުނު ހަދިޔާއެވެ.
ދެމަފިރިންގެ ގުޅުމާ ގުޅޭގޮތުން އެތައް ބައެއްގެ މެދުގައި ވާހަކަ ދެކެވެމުން ދަނީ ދެމީހުންގެ އުމުރުގައި ހުރި ތަފާތު ބޮޑު ކަމުންނެވެ. އުމުރުން 54 އަހަރުގެ އެންތަނީ ކައިވެނިކޮށްފައިވާ ނާދިއާ އަކީ 23 އަހަރުގެ ޒުވާނެކެވެ. ދެމީހުންގެ ދެމެދުގައި 31 އަހަރުގެ ތަފާތެއް ވެއެވެ. ނާދިޔާ އަކީ އެންތަނީގެ އެންމެ ދޮށީ ދަރިއަށް ވުރެ ހަގު ޒުވާނެކެވެ.
އެންތަނީ އާއި ނާދިއާ ކައިވެނިކޮށް ގިނަ ދުވަސްތަކެއް ނުވަނީސް ދެމީހުންނަށް ދަރިއެއް ލިބޭކަން އިއުލާނުކޮށްފައިވާއިރު މިއީ ދެމީހުންގެ ފުރަތަމަ ދަރިއެވެ.
ނާދިއާ މީގެ ކުރިން ކައިވެންޏެއް ކޮށްފައި ނުވާއިރު އެންތަނީ ވަނީ މީގެ ކުރީން ތިން ފަހަރެއްގެ މަތީން ކައިވެނިކޮށްފައެވެ. އޭނާ ކައިވެނިކުރި މީހުންގެ ތެރޭގައި މަޝްހޫރު ތަރި ޖެނިފާ ލޯޕޭޒް ހިމެނެއެވެ. އެންތަނީގެ ތިން ކައިވެންޏަށް ޖުމްލަ ހަ ދަރިން ތިބެއެވެ.
މާކް އެންތަނީ އާއި ނާދިއާގެ ގުޅުން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ 2021 ވަނަ އަހަރު ކަމަށް ވަނީ ބުނެފައެވެ. ދެމީހުން ފުރަތަމަ ބައްދަލުވިއިރު ނާދިއާގެ އުމުރަކީ 21 އަހަރެވެ.