ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ގާތުން ބައްލަވައި އެ ކަން ކުރިއަށްދާ ގޮތް އޮޅުންފިލުއްވަން ފެއްޓެވުމާއެކު މަގު ހެދުމުގެ މަސައްކަތުގައި ހުރި ދަތިތަކަށް ހައްލު ލިބި އެ މަސައްކަތް މިހާރު މާ އަވަހަށް ކުރިއަށްދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން "ސަން"އާ ވަހަކަދައްކަވަމުން ނިޒާރު ވިދާޅުވީ މަގު ހެދުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގައި ބާއްވާ މަޝްވަރާތަކުގައި ވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ބިޒީކޮށް މިނިސްޓަރު އުޅުއްވަނީ ހަމަ. ކޮންމެ ދުވަހަކު ވެސް ހަމަ ހުރިހާ ސައިޓަކަށް ހަމަ ވަޑައިގެން ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ހަމަ ވަރަށް ބާރަށް ކުރިއަށްދޭ. ކުރިއާ ޚިލާފަށް ވަރަށް ބާރަށް މަސައްކަތް ދަނީ. މިހާރު ހަމަ މިނިސްޓަރު ވަރަށް ބޮޑަށް އެބަ ބައްލަވާ މަސައްކަތް. ހަމަ ވަރަށް ބޮޑަށް ބެލިގެން ދަނީ،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މައިގަނޑު ގޮތެއްގައި މަގުތައް ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާއަކީ ޑިޒައިނުގައި ހުރި ބައެއް މައްސަލަތައް ކަމަށެވެ. އެކަމަށް ވެސް މިނިސްޓަރު ވަޑައިގަތުމުން ހައްލު ލިބުނުކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ މަގު ހަދަނީ -- ފޮޓޯ: އަހްމަދު އާއިޝް

އެގޮތުން ކުރިން ބައެއް މަގުތަކުގައި ގާއިމްކޮށްފައި ހުރި ފެން ހިންދާ ނިޒާމުތައް ބޭނުންކުރުމުގެ ބަދަލުގައި މަގުތަކަށް އެކަށޭނެ ފެންވަރަށް އަލުން ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް ވެސް މިނިސްޓަރު ނިންމެވިކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެއީ މިނިސްޓަރު ހުންނެވީމާ ލިބޭ ފަސޭހައަކީ،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތް ނިމޭނެ ވަކި ތާރީޚެއް ބުނުމަކީ ދަތިކަމެއް ކަމަށެވެ. އެހެން ނަމަވެސް މަގުތައް ނިންމަން ބުނި ތާރީޚަށް އެ ކަން ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ކުރިއަށް ބޮޑު ބައި ނިމޭނެކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަށް ފައިސާ ހަމަޖައްސައިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމުގެ ދަށުންނެވެ.