ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ހެރާ ޕެރީ"ގެ ތިން ވަނަ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ މުމްބާއީގައި އެ ފިލްމުގެ ފުރަތަމަ ޝެޑިއުލް ފެށިފައިވާއިރު މިފަހަރުގެ ފިލްމުން ވެސް ކުރީ ދެ ފިލްމުން ފެނުނު ތަރިން ފެންނާނެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެ ފިލްމާ ބެހޭގޮތުން ރިޕޯޓުކޮށްފައިވާ ޚަބަރުތަކުގައި ފިލްމުން ކުރިން ފެނުނު އެކްޓަރުން ނުފެނިދާނެކަމަށް ބުނި ނަމަވެސް ފިލްމު ފަށާފައިވަނީ ކުރީގެ ތަރިންނާއެކުގައެވެ.

"ހެރާ ޕެރީ"ގެ ފިލްމުތަކުގައި ފެންނަނީ އެކްޓަރު އަކްޝޭ ކުމާރާއި، ސުނިލް ޝެޓީ އާއި ޕަރޭޝް ރަވަލްއެވެ. މި ތިން ތަރިން ނުހިމަނާ ފިލްމު އުފައްދަން އުޅޭކަމުގެ ޚަބަރާއެކު ފޭނުންނަށް މާޔޫސްކަން ލިބުނެވެ. އެއީ ކުރީގެ ފިލްމުތަކުގައި ދެއްކި ޖާދޫ ފިލްމުގައި ގެނެސްދެވޭނީ މި ތިން އެކްޓަރުންނަށްކަމަށް ބެލުންތެރިން ގަބޫލުކުރާތީއެވެ.

ފިލްމު "ހެރާ ޕެރީ"ގެ ފުރަތަމަ ބައި ނެރުނީ 2000ވަނަ އަހަރެވެ. އޭގެ ހަ އަހަރު ފަހުން ފިލްމުގެ ދެވަނަ ބައި ގެނެސްދިންއިރު ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް މި ފިލްމަށް ލިބުނެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ، ޑައިރެކްޓަރު ޕްރިޔާދަރްޝަންއެވެ. ތިންވަނަ ފިލްމުގެ ޑައިރެކްޓަރަކީ ކޮބައިކަން ނޭނގޭއިރު މިފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަނީ، ފީރޯޒް ނަދިއަދްވާލާއެވެ.

މީގެ އިތުރުން މިފަހަރުގެ ފިލްމުގައި ބަތަލާއިންގެ ރޯލްއިން ފެންނާނީ ކޮންބައެއްކަންވެސް އަދި ހާމައެއް ނުކުރެއެވެ. ކުރީގެ ފިލްމުތަކުން ފެނުނު ބަތަލާއިންގެ ތެރޭގައި، ތައްބޫ، ބިޕާޝާ ބާސޫ އަދި ރިމީ ސެން ހިމެނެއެވެ. ކުރީގެ ތިން އެކްޓަރުންނާއެކު ފިލްމުގެ މަސައްކަތް ފަށާފައިވާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއްވެސް އަދި އިޢުލާނު ނުކުރެއެވެ.