22 Feb 2023, 11:23
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އަށެއްގައި ބާއްވަން ނިންމައިފިއެވެ.
އުރީދޫއިން އަހަރީ އާންމު ޖަލްސާ ބާއްވާނީ އަންނަ މަސް ތެރޭގައި ކަމަށް މީގެ ކުރިން ބުނި ނަމަވެސް އެ ޖަލްސާ ބާއްވާނެ ދުވަހެއް އިއުލާން ކުރީ އިއްޔެއެވެ. އެގޮތުން އެ ކުންފުނިން ބުނެފައި ވަނީ ޖަލްސާ ބާއްވާނީ އަންނަ މަހުގެ އަށެއްގެ ރޭގަނޑު 8:30ގައި ކަމަށެވެ.
އެ ޖަލްސާގައި ބައިވެރިވާން ރަަޖިސްޓާ ވެވޭނި އަންނަ މަހުގެ ހަޔެއްގެ ރޭގަނޑު 8:30އާ ހަމައަށެވެ. އެގޮތުން ރަޖިސްޓާވާ މީހުންނަށް އޮންލައިންކޮށް ނުވަތަ، ޖަލްސާ ބާއްވާ ކްރޮސްރޯޑްސްއަށް ގޮސްގެން ބައިވެރިވެވޭނެއެވެ.
އުރީދޫއިން ބުނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 120 ހިއްސާދާރުންނަށް ކަމަށެވެ. އެ މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6:00ގެ ކުރިން އަންގާނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އެ ޖަލްސާގެ އެޖެންޑާއާ ގުޅޭ އިތުރު ތަފްސީލާއި މައުލޫމާތު އުރީދޫ މޯލްޑިވްސްގެވެބްސައިޓުންލިބޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓާވެފައިވާ މީހުންނަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ މީހުންނަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލިބޭނެއެވެ.
އުރީދޫއިން ބުނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރަަޖިސްޓާ ކުރުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމްއިންފިނިޓީމެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓާ ކުރެވޭނެއެވެ. ފޯމުތައް ފުރުމަށްފަހު އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭގަނޑު 8:30ގެ ކުރިން[email protected]އަށް އީލެމެއިލް ކުރަންޖެހޭނެއެވެ. ނުވަތަ އުރީދޫ މޯލްޑިވްސް އޮފީހަށް ފޯމު ހުށަހެޅަންޖެހޭނެއެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެވެބްސައިޓްއިން ލިބެން ހުންނާނެއެވެ.
މާލެއިން ކްރޮސްރޯޑްސްއަށް ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7:15 އާއި 7:30 ގައެވެ.
އުރީދޫއިން ބުނީ ދަތުރުފަތުރުގެ އިންތިޒާމަކީ ކުރިން ހަމަޖައްސާފައިވާ ކަމެއްކަމުގައިވާތީ، ޝެޑިއުލް ކުރެވިފައިވާ ގަޑިތަކުގެ އިތުރުން އެހެން ދަތުރުތައް ހަމަޖައްސައި ދޭން ދަތިވާނެކަމަށެވެ. އެހެންކަމުން ގަޑިއަށް ސަމާލުވުމަށް އެކުންފުނިން ވަނީ އެދިފައެވެ.