ބަތަލާ ޔާމީ ގޯތަމްއާއި ސަނީ ކޯޝަލް ލީޑް ރޯލްއިން ފެންނަ ފިލްމު "ޗޯރް ނިކަލް ކޭ ބާގާ" ފުރަތަމަ ޕޯސްޓަރާއެކު ފިލްމު ރިލީޒްކުރާ ތާރީޚުވެސް އިޢުލާނުކޮށްފިއެވެ.

ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރާ މިފިލްމު ޕްރިމިއާކުރަން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ 24ވަނަ ދުވަހުއެވެ.

މިފިލްމަކީ، ގޭންގަކުން ރާވައިގެން ހިންގާ ވައްކަމުގެ ޙާދިސާއެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރަކީ، މީގެކުރިންވެސް ޔާމީއާއެކު މަސައްކަތްކޮށްފައިވާ އަޖޭ ސިންގްއެވެ. ޔާމީއާއި ސަނީ ކޯޝަލްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން އެކްޓަރު ޝަރަދް ކެލްކަރްވެސް ފެންނާނެއެވެ.

ބަތަލާ ޔާމީ ގޯތަމްގެ އިތުރު ފިލްމެއް ރިލީޒްވުމަށް ތައްޔާރުވެފައިވާއިރު މިމަހުގެ 16ވަނަ ދުވަހު ރިލީޒްވި ޔާމީގެ ފިލްމު "ލޮސްޓް"އަށް ގިނަ ބައެއްގެ ތަރުޙީބުވަނީ ލިބިފައެވެ. ޚާއްޞަކޮށް ފިލްމުގައި ޔާމީ ދެއްކި އެކްޓިންގްއަށް ބެލުންތެރިންގެ އިތުރުން ކްރިޓިކުންވެސްވަނީ ތަޢުރީފުކޮށްފައެވެ. ޑައިރެކްޓަރު އަޖޭ ސިންގް ބުނެފައިވަނީ ފިލްމު ގެނެސްދޭ ކުންފުނި މެޑްޑޮކްއާއެކީ މަސައްކަތްކުރުމަކީ އަބަދުވެސް ލިބިގެންދާ ވަރަށްބޮޑު އުފަލެއްކަމުގައެވެ.

ޚާއްޞަކޮށް ނެޓްފްލިކްސް ކަހަލަ ޕްލެޓްފޯމްއަކަށް ފިލްމު ރިލީޒްކުރަން ދޫކޮށްލެވުމަކީ ފިލްމަށް ލިބުނު އިތުރު ޚާއްޞަކަމެއްކަމުގައި އަޖޭ ސިންގްވަނީ ބުނެފައެވެ.

ޔާމީ ގޯތަމްއާއެކު ލީޑްއިން ފެނިގެންދާ އެކްޓަރު ސަނީ ކޯޝަލްއަކީ، އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮއެވެ. ސަނީ ކޯޝަލްގެ ފިލްމީ ކެރިއަރު ފެށިފައިވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގައެވެ. ފިލްމީ ޢާއިލާއަކަށް ނިސްބަތްވާ ޒުވާން އެކްޓަރު މީގެކުރިން ފެނިފައިވާ ފިލްމުތަކުގެތެރޭގައި، 2014ވަނަ އަހަރު ރިލީޒްވި ފިލްމު "ގުންޑޭ" އަދި 2021ވަނަ އަހަރު ރިލީޒްވި ފިލްމު "ޝިއްދަތު" ހިމެނެއެވެ.

މިއީ ބަތަލާ ޔާމީއާއި ސަނީ އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ސަނީ ކޯޝަލް މަސައްކަތްކުރާ އިތުރު ފިލްމުތަކުގެތެރޭގައި "ޕިރް އާއީ ހަސީން ދިލްރުބާ" ހިމެނެއެވެ.