ވެލާނާގެ ބިލްޑިންގުގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ސިޓީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ވެލާނާ ބިލްޑިންގު ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ސައިކަލު ޕާކު ކުރުން މަނާ ކުރުމުން އެ ބިލްޑިންގުގައި ހުރި އޮފީސްތަކުގެ މުވައްޒަފުން މިއަދު ހެނދުނު ވަނީ އިހުތިޖާޖަށް ނުކުމެފައެވެ.

ޕާކިން ބަންދުކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ވެލާނާގޭ ކައިރި ޕާކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމަށާއި އެ ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ކުރަމުން ދަނީ ވެސް ކައުންސިލަށް އެންގުމަކާ ނުލާ ކަމަށެވެ.

"މި މަސައްކަތަކީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ބުނެ ފަތުރަމުން ދަނީ ތެދު މައުލޫމާތެއް ނޫން. އަދި އެކަން ކުރީ ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ނޫން،" ސިޓީ ކައުންސިލުން ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ވަނީ، ވެލާނާގެއާ އިންވެގެން އޮންނަ ސައިކަލް ޕާކިން ޒޯން ބަންދުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން، އެ މިނިސްޓްރީގެ ބޭނުމަށް ކަމަށެވެ.

ވެލާނާގޭ ބިލްޑިންގު ހުންނަ އަމީރު އަހްމަދު މަގަކީ ޕާކް ކުރުން މަނާ މަގެކެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ސަރަހައްދަކަށް ވާތީ، ކުރީގެ ހުރަވީ ބިލްޑިންގު ހުރި ބިމުގައި ޖާގަ ތަނަވަސް ޕާކިން ޒޯނެއް ހަދާފައިވެއެވެ. އެހެންނަމަވެސް ޕާކު ކުރަން ޖާގަ ނެތް ކަމުގެ ޝަކުވާތަކަށް އަދިވެސް ނިމުމެއް ނާދެއެވެ.