ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެ ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރީ 37 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން މަކަރާއި ހީލަތުން މުދާ އެތެރެކޮށް، އެ މުދާ ވިއްކައި އޭގެއިން މަންފާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ މައްސަލަ މިހާރު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް ވިއްކާ ކަމުގެ ތުހުމަތުގައި ދޭތެރެ ދޭތެރެއިން ފުލުހުން އެކި މީހުން ހައްޔަރުކުރެއެވެ. ވަކިން ޚާއްސަކޮށް، މި ފަހަކަށް އައިސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަ ބޮޑުވެ، އެފަދަ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.