06 Mar 2023, 09:01
ވިލިމާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމެއް ބަހައްޓައިފިއެވެ.
އެ އަވަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އޭޓީއެމް މެޝިންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްއައިބީގެ އެކްޓިންގް ސީއީއޯ އަހުމަދު ރިޒާއެވެ.
މި ރަސްމިއްޔާތަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ އަލީ، ވިދާޅުވީ އިސްލާމިކް ބޭންކުގެ އޭޓީއެމް ބްރާންޗެއް ވިލިމާލޭގައި ހުޅުވުމުން އެ ބޭންކުން ޚިދުމަތް ހޯދަމުން އަންނަ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބޭނެ ކަމަށެވެ.

ވިލިމާލޭގައި ބެހެއްޓި އެމްއައިބީގެ އޭޓީއެމް --- ފޮޓޯ/ ސިޓީ ކައުންސިލް
"އެކަމަށް ޓަކައި ވިލިމާލޭ ކައުންސިލަރުގެ ހައިސިއްޔަތުން އެމްއައިބީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނަހުލާ ވިދާޅުވިއެވެ.
މި އޭޓީއެމް ރަސްމީކޮށް ހުޅުވުމާ ގުޅިގެން އޭޓީމްގެ ޚިދުމަތް ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ.

ވިލިމާލޭގައި ބެހެއްޓި އެމްއައިބީގެ ހުޅުވަނީ --- ފޮޓޯ/ ސިޓީ ކައުންސިލް
ވިލިމާލޭގައި މި ހުޅުވި އޭޓީއެމް އިމާރާތުގެ ބިންގާ މިދިޔަ އަހަރުގެ ކުރީކޮޅުގައި އަޅުއްވައިދެއްވީ އިސްލާމިކް ބޭންކުގެ އިސް ވެރިއެއް ކަމުގައިވާ އަރީފުއްރަހްމާނާއި މާލޭގެ މޭޔަރު ޑރ. މުއިއްޒުއެވެ.
އިސްލާމިކް ބޭންކުގެ އޭޓީއެމްތައް މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ވެސް ބަހައްޓާފައިވާއިރު ވިލިމާލޭގައި މިއަދާ ހަމައަށް އެ ބޭންކުގެ އޭޓީއެމެއް ނުހުރެއެވެ.