ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރު އިމްތިޔާޒް ޢަލީގެ ފިލްމު "ޗަމްކީލާ"ގެ މަސައްކަތް ނިންމާލައިފިއެވެ.

އިންޑިއާގެ ޕަންޖާބްގައި ބޮޑު ބައެއް ޝޫޓްކުރި މިފިލްމުގައި ލީޑް ރޯލްއިން ފެންނާނީ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި ޕާންޖާބް މިއުޒީޝަން ދިލްޖީތުއެވެ. ލަވަކިޔުމުގެ އިތުރުން ދިލްޖީތުއަކީ އެކްޓިންގެ ދާއިރާގައި ވެސް މަސައްކަތްކުރާ ފަރާތެކެވެ.

މިފިލްމަކީ، ޕަންޖާބަށް އުފަން ލަވަކިޔުންތެރިޔާ އަމަރް ސިންގް ޗަމްކީލާގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. ލަވަކިޔުންތެރިޔާ ޗަމްކީލާގެ ރޯލުން ފިލްމުގައި ފެންނާނީ ދިލްޖީތްއެވެ. އަދި ޗަމްކީލާގެ އަންހެނުން އަމަރްޖޯތްގެ ރޯލްއިން ފެންނާނީ ބަތަލާ ޕަރިނީތީ ޗޯޕްރާއެވެ.

މިހާތަނަށް ޕަންޖާބުގައި އުފެދުނު އެންމެ ހުނަރުވެރި ލަވަކިޔުންތެރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ޗަމްކީލާއާއި އަންހެނުން އަމަރްޖޯތްއާއެކު އެ ބޭންޑުގެ ދެ މެމްބަރުން މަރާލާފައިވަނީ 1988ގައެވެ. މިހާތަނަށްވެސް ޗަމްކީލާ މަރާލުމުގެ ހާދިސާއާއި ގުޅިގެން އެއްވެސް ބަޔަކު ހައްޔަރުކޮށްފައިނުވާއިރު މިމައްސަލަ އަދިވެސް ހައްލު ކުރެވިފައިނުވެއެވެ.

ޗަމްކީލާ މަރާލުމުގެކުރިންވެސް މަރުގެ އިންޒާރު އާއިލާއަށް ލިބިފައިވާކަމަށް ނޫސްތަކުގައިވަނީ ލިޔެފައެވެ. ފިލްމުގެ ބޮޑު ބައި ޕަންޖާބުގައި ޝޫޓްކުރި ތަޖުރިބާއާ ބެހޭގޮތުން ޕަރިނީތީ ބުނެފައިވަނީ، ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ތަޖުރިބާތަކެއް މިފިލްމުގެ މަސައްކަތްކުރިއިރު ކުރެވުނުކަމަށެވެ. އަދި ޕަންޖާބުން ލިބުނު ލޯތްބާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. ޚާއްޞަކޮށް އިމްތިޔާޒުގެ ޓީމާއެކު ފިލްމު ސެޓުގައި ހޭދަކުރެވުނު ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއްކަމަށް ބަތަލާވަނީ ސިފަކޮށްފައެވެ.

ޕަރިނީތީ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު ""ކޯޑް ނޭމް: ތިރަންގާ" އަދި ފިލްމު "އޫންޗާއި"އިންނެވެ. މި ދެ ފިލްމަށްވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއްވަނީ ލިބިފައެވެ. ފިލްމު "ޗަމްކީލާ"ގެ އިތުރުން އޭނާ ވަނީ "ކެޕްސުލް ގިލް" ނަމަކަށްކިޔާ ފިލްމަކަށްވެސް ސޮއިކޮށްފައެވެ.