09 Mar 2023, 10:12
ކްރޫޒް ލައިނާއެއްގައި ދިރިއުޅެން ބޭނުންވާ މީހުންނަށް، އަހަރެއްގެ މައްޗަށް 30،000 ޑޮލަރު ދައްކައިގެން އެފަދަ ބޯޓުގައި ދިރިއުޅެވޭ ޚާއްސަ ޕެކޭޖެއް ކްރޫޒް ކުންފުންޏަކުން ތައާރަފުކޮށްފިއެވެ.
ކްރޫޒް ލައިނާ އިންޑަސްޓްރީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދާއިރާއެކެވެ. އެގޮތުން އެތައް ބަޔަކު ބޯޓުގައި ގިނަ ދުވަސްތަކެއް ވަންދެއް ދިރިއުޅޭއިރު އެފަދަ މީހުންނަށް މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެއީ ކްރޫޒް ލައިނާގައި މުޅި އަހަރު ދަތުރު ކޮށްލަން ލިބޭ ފުރުސަތެކެވެ.
'މިރޭ ކްރޫޒެސް' ނަމަކަށް ކިޔާ ކްރޫޒް ކުންފުންޏެއްގެ ލައިން "އެމްވީ ޖެމިނައި" އިން ވަނީ ދިގު ދަތުރު ކުރުމަށް ބޭނުންވާ މީހުންނަށް ޚާއްސަ ޕެކޭޖެއް ތައާރަފުކޮށްފައެވެ. މިއީ އަހަރެއްގެ މައްޗަށް 30،000 ޑޮލަރު ދައްކަން ޖެހޭ ޕެކޭޖެކެވެ. މި ޕެކޭޖަކީ ތިން އަހަރަށް ދިގު ދައްމާލެވޭނެ ޕެކޭޖެއް ކަމަށް އެމްވީ ޖެމިނައި އިން ބުނެއެވެ.
އެ ދަތުރުގެ ޖުމްލަ ދިގުމިނަކީ 130،000 މޭލު ކަމަށާއި ކޮންމެ އަހަރަކުން ކްރޫޒް ދޫކޮށްލަން ބޭނުންވާނަމަ އެ ފުރުސަތު ލިބޭނެ ކަމަށް އެމްވީ ޖެމިނައި އިން ބުނެއެވެ. މި ދަތުރު މި އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު އެކަމަށް ރެޖިސްޓާ ވުމާއި އެނޫންވެސް ތައްޔާރީތައް ވުމަށް ކްރޫޒް ކުންފުނިން ވަނީ އެދިފައެވެ.
އެ ކްރޫޒް ލައިނާއަކީ 400 ކެބިން ހުންނަ، 1،074 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ޖެމިނައި އިން ބުނާގޮތުގައި ތިން އަހަރުގެ ދަތުރުގައި ދުނިޔޭގެ 135 ގައުމު ހިމެނޭ ގޮތަށް 375 ޕޯޓަށް ބަނދަރު ކުރާނެއެވެ. އެއާއެކު އެ ސަރަހައްދުތަކަށް ފައިބާ އެ ސަރަހައްދުގެ ދިރިއުޅުންތައް ބަލާލުމަށް ފުރުސަތު ލިބޭނެއެވެ. އޭގެތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކުރެވޭ އިމާރާތްތަކާއި ތަންތަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.