ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، އެގައުމުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބުއާ މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއާ ކަމަށްވާ އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިފެއާއަށް ޒިޔާރަތްކުރައްވާ، ސައުދީ އަރަބިއްޔާގެ ސްޓޭންޑްވެސް ބައްލަވާލައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދެގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. މަޝްވަރާ ބައްދަލުވުންތަކާ ބެހޭގޮތުން ސައުދީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބު ވިދާޅުވީ ރައީސް ޞާލިޙްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާކަމަށެވެ.

އަދި، ދެގައުމުން ގުޅިގެން ތަރައްގީގެ މަޝްރޫއުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ގޮތްތަކާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޓީބީ ފެއާ ބޭއްވުމުގެ މަގްސަދަކީ އެކި ގައުމުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވިޔަފާރި މާކެޓް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ރައީސް ޖަރުމަނަށް ވަޑައިގެންނެވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ.