ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާތާ ފަސް ދުވަހުގެ ތެރޭގައި އެ ފަތުރުވެރިން ފޫހި ވާނެ ކަމަށާއި، ލަންކާގެ ފަތުރުވެރިކަމަކީ އެހެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެ ލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ހަރިން ފެނާންޑޯ ރާއްޖޭގެ ފަތުރުވެރިކަމަށް ހަޖޫ ޖައްސަވައިފިއެވެ.

ފެނާންޑޯ މިހެން ވިދާޅުވީ މިހާރު ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއާގައި ސްރީލަންކާ ޕްރޮމޯޓް ކުރުމަށް ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެ އާއި ލަންކާގެ ޓޫރިޒަމް އަޅުވާބަލަމުން އޭނާ ވަނީ ރާއްޖޭގައި އޮތީ ހަމަ އެކަނި ގޮނޑުދޮށްތައް ކަމަށާއި، ރާއްޖޭގައި ފަސް ދުވަސް ވަންދެން ތިބުމުން ފޫހި ވާނެ ކަމަށެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިން އައިސް ތިބެން ޖެހޭނީ ރަށެއްގައި ބަންދުވެފައިކަމަށް ވުމުންނެވެ.

"ރާއްޖޭގައި ހުންނަނީ އެންމެ ތަނެއްގައި ބަންދުވެފައި. ސްރީލަންކާ އެހެންނެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

https://twitter.com/anushwij/status/1634736632514371584

ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރަށް ހަޖޫ ޖައްސަވަމުން އޭނާ ވިދާޅުވީ ރާއްޖެއަށް މަތީ ފަންތީގެ އަގުބޮޑު ބްރޭންޑްތަކުން ވުނަ ކުރުމަކީ ވެސް މޮޔަ ކަމެއް ކަމަށާއި އަދި އެ ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފޫހި ޚިދުމަތްތަކެއް ކަމަށެވެ. އޭގެ މިސާލުތަކުގެ ގޮތުގައި ވަން އެންޑް އޮންލީ، ސޮނޭވާ، ޖޭ ޑަބްލިއު، ކާލްޓޮން، ފޯ ސީޒަން، ސެއިންޓް ރެޖިސް އަދި ސިކްސް ސެންސަސް ފަދަ ބްރޭންޑުތައް ފާހަގަކުރަމުން އޭނާ ވިދާޅުވީ އެ ވިޔަފާރިތަކުން ސްރީލަންކާގައި އިންވެސްޓް ކުރުމަކީ މާ އައުލާކަން ބޮޑު ކަމެއް ކަމަށެވެ.

"މިހިރަ އެވޯޑް ލިބޭ ބޮޑެތި ކުންފުނިތައް އަސްލު މޮޔަ ރާއްޖެއަށް އިންވެސްޓްކޮށް، އެ ފޫހި ޚިދުމަތް ދޭން. އެމީހުން ސްރީލަންކާއަށް އަސްލު ވުނަ ކުރަން ޖެހޭނީ. އެކަމަކު އެހެން ވިތަ؟،" އޭނާ ވިދާޅުވިއެވެ.

https://twitter.com/anushwij/status/1634736635270103040

މިކަމާ ގުޅިގެން މީސް މީޑިޔާގައި އޭނާއަށް އެކި ޤައުމުތަކުގެ މީހުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ގިނަ ބަޔަކު ވެސް ހިމެނެއެވެ.

އެގޮތުން ޓްވީޓާގައި އެކި މީހުން ފާޅުކުރަމުންދާ ޝުޢޫރުތަކަށް ބަލާއިރު، ސްރީލަންކާގެ އަވައްޓެރި ޤައުމަކަށް ރާއްޖެ އޮވެމެ، ރާއްޖޭގެ ފަތުރުވެރިކަމަށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. އަދި އެއްވެސް ޤައުމެއް ދަށް ނުކޮށް، ރާއްޖޭގެ ފަތުރުވެރިކަމާ އެއްވަރަށް ސްރީލަންކާއިން ވެސް މަސައްކަތް ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ދެ ޤައުމުގެ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މިފަދައިން ވާހަކަދައްކަވާފާ ވާއިރު، އޭނާ ވަނީ މި އަހަރުގެ އައިޓީބީ ފެއާގެ ތެރެއިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވެސް ބައްދަލުކުރައްވާފައެވެ.

ލަންކާގައި އަހަރުތަކެއް ވަންދެން ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުނު ފަހުން އެ ގައުމު ޓޫރިޒަމް އައީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. ނަމަވެސް 2019 ވަނަ އަހަރު އެ ޤައުމަށް އައި ޓެރަރިސްޓް އެޓޭކާއި ކޮވިޑްގެ ސަބަބުން އެ ޤައުމުގެ އިޤްތިސާދަށް ދިމާވި އަޑިގަނޑުގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް އަޑިއެޅިއެވެ.

ލަންކާއަށް އަދިވެސް އެ ހާލަތުން އަރައި ނުގަނަވިގެން އުޅޭއިރު، އެ ގައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އެ ގައުމުގެ އިދާރާތަކުން ދަނީ ކުރަމުންނެވެ.