14 Mar 2023, 13:24
ފަރެސްމާތޮޑާ އެއާޕޯޓު މާދަމާ ރަސްމީކޮށް ހުޅުވަން ތާއްޔާރުވާއިރު، އެ އެއާޕޯޓަށް ދާން ކޮޅަކަށް 1،620 ރުފިޔާ މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ.
މޯލްޑިވިއަންގެ ވެބްސައިޓުން ފެންނަ ގޮތުންނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަރެސްމާތޮޑާ އެއާޕޯޓަށް ދާން، އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،574 ރުފިޔާއެވެ. އެކަމަކު އެއީ މިމަހުގެ 16 އަދި 19 ގައި އޮންނަ ދެ ފްލައިޓަށް ފެއާ ރޭޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަން އިން ބުނީ ފުރަތަމަ ދެ ދުވަހަަށް އަގުހެޔޮ ކުރި ނަމަވެސް، މި މަހުގެ 26ގެ ފަހުން އޮންނަ ދަތުރުތަކުގެ އަގަކީ، 1،620 ރުފިޔާ ކަމަށެވެ.
އެ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރާނީ ހަފުތާއަކު ދެ ދުވަހުއެވެ.
ފަރެސްމާތޮޑާ އެއާޕޯޓު މާދަމާ ރަސްމީކޮށް އޮޕަރޭޝަނަށް ގެންނައިރު، އެ އެއާޕޯޓު އޮޕަރޭޓް ކުރާނީ ރީޖަނަލް އެއާޕޯޓްސްއިންނެވެ. އެގޮތުން މިހާރު އެެ އެއާޕޯޓަށް ދަތުރުކުރަން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕުން ޓިކެޓް ނެގޭނެއެވެ.
މޯލްޑިވިއަންގެ ޓިކެޓުގެ އަގު ބޮޑު ކަމުގެ ޝަކުވާ ޢާންމުން އަބަދުވެސް ކުރެއެވެ. އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓަކީ ހުވަދޫގެ ހަތަރު ވަނަ އެއާޕޯޓަށް ވީއިރު، މޯލްޑިވިއަންގެ އެތެރޭގެ އުދުހުން ތަކުގެ އަގުތައް އެންމެ ބޮޑީ ވެސް ހުވަދޫގެ އެއާޕޯޓުތަކަށެވެ. އެގޮތުން ގދ. ކާޑެއްދޫއަށް 1،687 ރުފިޔާ ހަމަޖައްސައިފައިވާއިރު، ފަރެސްމާތޮޑާއަށް މި ވަނީ 1،620 ރުފިޔާ ހަމަޖައްސައިފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓު މާދަމާ ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލީޙްއެވެ. މި އެއާޕޯޓަކީ 1،200 މީޓަރުގެ ދިގު ރަންވޭއެއް ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅުއެވެ.