22 Mar 2023, 11:29
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް މިއަދު އައްޔަނުކޮށްފިއެވެ.
އެޗްޑީސީގެ މީޑީއާ އޮފިޝަލް ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
ގައިސް ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ މި އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އޭރު އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނަށް ވަގުތުދެއްވުމަށެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޭނާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ފަހުން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އެހެން މީހަކު އައްޔަންކޮށްފައިނުވެއެވެ.