25 Mar 2023, 23:01
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ "ގެވެށި ގުޅުން" ކެމްޕެއިނަށް ފިލްމެއް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީއިން ވަނީ އެ ފިލްމްގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައެވެ. މި ބީލަމުގައި ކުރިމަތިލެވޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް އެކަންޏެވެ.
ޖެންޑާ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުގައި، އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ދިގު މިނަކީ 90 މިނެޓެވެ.
އޭގެ އިތުރުން ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފެއްދުމާއި ހަވާލުވާ ފަރާތުންނެވެ.
ހަމައެއާއެކު ފިލްމުގައި ލީޑު ރޯލްތައް އަދާ ކުރާ ކާސްޓުން ހޯދުމާއި، އެ މީހުންގެ ހަރަދު ހަމަޖައްސާނީ ފިލްމް އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. ނަމަވެސް ފިލްމުގެ ކުދިކުދި ރޯލްތަކަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުން ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ޖެންޑާ މިނިސްޓްރީއިން ބުނީ އަދި ފިލްމުގެ މަންޒަރުތައް ނެގުމަށް ބޭނުންކުރާ ލޮކޭޝަންތަކަށް އެއްވެސް އަގެއް ދައްކަންޖެހޭ ނަމަ އެކަން ހަމަޖައްސާނީ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ފިލްމު އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10:00އެވެ.