ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މި ވަގުތު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީއާ އެކު ކޯލިޝަން ހަދަން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވަނީ ޕީޕީއެމަށް ފޮނުވައިފައެވެ.

ޖޭޕީގެ ސެކެޓަރީ ޖެނެރަލް އަލީ އާރިފް މިއަދު "ސަން"އަށް ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ފަރާތުން އެ މަނިކުފާނު ސޮއިކުރައްވައި، ފަސް ފަރާތަކަށް މިއަދު ކޯލިޝަން ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

ގާސިމްގެ ފަރާތުން ކޯލިޝަން ދައުވަތު ފޮނުވާފައިވަނީ:

  • ޕީޕީއެމް/ޕީއެންސީ

  • އެމްއެންޕީ
  • އެމްއާރްއެމް
  • ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގާސިމް މިހާރު ކުރައްވަނީ ވެރިކަމުގެ ބޭނުމުގައި ކުރާ މަސައްކަތެއް ކަމަށެވެ.

އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އެކުގައި މަސައްކަތް ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ކަމު ނުގޮސްގެން، ވެރިކަން ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ކެންޑީޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށެވެ. އަދި، އެއީ ރައީސް ޔާމީން ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން އަޅުގަނޑުމެން ނާރާނަމޭ ގާސިމްގެ ފަހަތަކަށް. ޕީޕީއެމުން ނުކުންނާނީ ވެރިކަމަށް. ޕީޕީއެމްގެ ކެންޑީޑޭޓަކީ ރައީސް ޔާމީން،" އޭނާ ވިދާޅުވިއެވެ.

އެ މަނިކުފާނު ނޫން އެހެން ދެވަނަ ކެނޑީޑޭޓަކާ މެދު ނުވެސް ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ސަރުކާރުން ޔާމީނާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ނަމަވެސް މިހާރު އިސްތިއުނާފްކޮށްފައިވާ އާރަށުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ތެރެއިން އިންސާފު ލިބި ޔާމީން މިނިވަންވެވަޑައިގަތުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮތް ޔާމީންގެ މެސެޖަކީ މާޔޫސް ނުވެ ކުރިއަށް ދިއުން ކަމަށެވެ. އަދި، ޕާޓީގެ ލީޑާޝިޕަށް އެ މަނިކުފާނު އަންގަވަނީ ވެރިކަމަށް އައުމަށް މަގުފަހިކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.