06 Apr 2023, 21:43
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު މަޝްވަރާ ކުރަން، އެ ޕާޓީން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ދައުވަތު ފޮނުވައިފިއެވެ.
ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އެމްޓީޑީއަށް ފޮނުއްވި ސިޓީގައި ބުނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަކިވަކި ފަރާތްތަކާއެކު މަޝްވަރާކޮށް، ގިނަ ބަޔެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން މި ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި އެމްޓީޑީއާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. ވުމާއެކު ޖޭޕީއާއެކު މަޝްވަރާ ކުރަން ދައުވަތު އަރުވާ ކަމަށް ސިޓީގައިވެއެވެ.
ސިޓީގައި ވަނީ އެ މަޝްވަރާތަކުގައި އެމްޓީޑީގެ ފަރާތުން ބައިވެރިވާނެ މަންދޫބުންގެ މައުލޫމާތު ވީހާވެސް އަވަހަށް ޖޭޕީގެ ސެކްރެޓޭރިއަޓަށް ފޮނުވަން ވެސް އެދިފައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، 2020 ވަނަ އަހަރު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މިވަގުތު އޭނާ ހުންނެވީ ގޭބަންދުގައެވެ.
ޖޭޕީއާއެކު މަޝްވަރާ ކުރަން އެމްޓީޑީއަށް ގާސިމް ދައުވަތު ފޮނުއްވާފައިވާއިރު އެ ޕާޓީން ވަނީ ކޯލިޝަން ހަދަން މަޝްވަރާ ކުރުމުގެ ދައުވަތު އެމްއެންޕީއާއި، އެމްއާރްއެމް އަދި އިދިކޮޅު ކޯލިޝަނަށް ވެސް ފޮނުވާފައެވެ. އެ ދައުވަތާ ގުޅިގެން އެމްއެންޕީއިން ބުނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކުން އިސްވެ ހަދާ ކޯލިޝަނެއްގައި ބައިވެރިނުވާނެ ކަމަށެވެ.
އެމްއާރްއެމްއިން ޖޭޕީއާއެކު މަޝްވަރާ ކުރުމުގެ ދައުވަތު ގަބޫލު ކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ދައުވަތާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އެހެންކަމުން ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.