07 Apr 2023, 16:21
ވިސާ ނުލިބިގެން ސަފާ ގްރޫޕުގެ ހަވާލުގައި ފުރޭ ގޮތް ނުވި އެންމެން ރޯދަ މަހުގެ ވިހިވަނަ ދުވަހު އުމްރާއަަށް ފުރަން ހަމަޖެހިފައިވާކަމަށް އެ ގްރޫޕުން ބުނެފިއެވެ.
ސަފާ ގުރޫޕަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުރަން ހަމަޖައްސާފައި އޮތީ އިއްޔެ ހެނދުނެވެ. އެކަމަކު، އިއްޔެ ފަތިހު އުމްރާވެރިންނަށް ޚާއްސަކޮށްފައިވާ ވައިބާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ދަތުރު ކެންސަލްވީ ކަމަށް ބުނެފައެވެ.
މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބެލުމަށްފަހު ރޭ ވަނީ ނޫސްބަޔާނެއް ވެސް އާންމުކޮށްފައެވެ.
އޭގައިވަނީ ވިސާ ނުލިބިގެން ސަފާ ގްރޫޕް މީހުނަށް އުމްރާއަށް ފުރޭގޮތް ނުވީ އެ ގްރޫޕުން ދުރާލާ ވިސާނެގުމުގެ ކަންކަން ހަމަޖައްސާފައި ނުވުމުން ކަމަށެވެ. މިގޮތުން ތިން މަސް ދުވަހަށް އުމްރާ ވިސާ ލިބޭކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރިއެވެ.
އެ މިނިސްޓްރީންވަނީ ސަފާ ގްރޫޕަށް ވިސާ ހަމަނުޖެހުނީ އެ ގްރޫޕުގެ އިހުމާލަކުންކަމަށް ސިފަކޮށްފައެވެ.
އެކަމާ ގުޅިގެން ގްރޫޕުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ އެ ގްރޫޕުގެ ވިސްނުމެއް ނޫންކަމަށެވެ.
އަދި އެ ގްރޫޕުން ފަހު ވަގުތާ ޖެހެންދެން ވެސް އުމްރާ ދަތުރަށް ތައްޔާރަށް އޮތީ ވިސާގެ ކަންކަމުގައި ސައޫދީން މުއާމަލާތު ކުރި އެޖެންސީން ވިސާ ލިބިފައިވާކަމަށް ތަކުރާރުކޮށް ބުނަމުން ދިޔުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުމްރާއަށް ފުރަން ހަމަޖެހިފައިވާ މީހުންނަށް އެކަން ދުރާލާ ނޭންގުނީ ވެސް އެ އެޖެންސީން އެ ޔަގީންކަން ދިނުމުންކަމަށް އެ ގްރޫޕުން ބުންޏެވެ.
"ފުރުމަށް އޮތް ދުވަހުގެ ރޭ ތިނެއް ޖަހަންދެންވެސް އަޅުގަނޑުމެން މަސައްކަތް ކުރިން. އެ މީހުން ބުނީ ވިސާ ލިބިފައި ވާކަމަށް. ލޮގިން ވުމުން ފެންނާނެ ކަމަށް. އެންމެ ފަހު ވަގުތު އެމީހުން ލޮގިންގެ ޕާސްވޯޑް ވެސް، ބަދަލުކޮށްލީ. އަޅުގަނޑުމެންނަކަށް ނުވަދެވުނު. އެހާ ހިސާބުން އަޅުގަނޑުމެން ޢުމްރާވެރީންނަށް އެންގީން ވިސާ ނުލިބޭތީ ނުފުރޭނެ ވާހަކަ،" ސަފާ ގްރޫޕުން މަޢުލޫމާތު ދެއްވިއެވެ.
ސަފާ ގްރޫޕުން ބުނީ ސައުދީގެ އޭޖެންސީއެއް ކަމަށްވާ ޝަރީއަތުލް މަޝާއިރު އަށް، އުމްރާވެރީންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވައިފައިވާ ކަމަށެވެ.
އަދި ވިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ އެޖެންސީން ދީފައިވާ ކަމަށެވެ.
އެ ގްރޫޕުން އިތުރަށް ބުނީ ޢުމްރާ ވެރީންގެ ޓިކެޓްގެ ކަންތައް ހަމަޖެއްސުމަށް ޓުރެވަލް ޓޫ މޯލްޑިވްސް އާ ވާހަކަ ދެއްކިފައިވާ ކަމަށާއި، ރަމަޟާންމަހު ވިހީގައި ޢުމްރާވެރީން ފުރުވާލެވޭނެ ކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅޭ އެއްބަސްވުންތަކުގައި މާދަމާ 14:00ގައި ސޮއިކުރުން އޮންނާނެ ކަމަށެވެ.
އެ ގްރޫޕުން ބުނީ އެ ގްރޫޕުގެ ޙަވާލުގައި ތިބި ޢުމްރާވެރީން ޢުމްރާއަށް ފުރުވާއިރު އަތުން އިތުރު އެއްވެސް ޗާޖެއް ނުނަގަނާކަމަށެވެ.
"ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ގްރޫޕުގެ އުމްރާވެރީންނަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައި ދޭނަން،" އޮފިޝަލް ވިދާޅުވިއެވެ.