ތެލްއަވީވު (8 އެޕްރިލް 2023): ފަލަސްތީނުގެ ރައްޔިތަކު ބަޑިން ހަމަލާތަކެއްދީ އިސްރާއީލުގެ ދެ އަންހެނަކު މަރާލައި އިތުރު މީހަކު ޒަޚަމްކޮށްލިތާ ދެތިން ގަޑީއިރުފަހުން އަނެއްކާ ފަލަސްތީނުގެ އިތުރު ހަމަލާއެއްގައި އިސްރާއީލުގައި އެކަކު މަރާލައި ހަ މީހުން ޒަޚަމްކޮށްލައިފިއެވެ.

ފުރަތަމަ ހަމަލާދީފައި ވަނީ އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ޣޫރު ސަރަހައްދުގައެވެ. މިހަމަލާގައި ފަލަސްތީނުގެ ޒުވާނަކުވަނީ އެސަރަހައްދަށް ގަވައިދާ ޚިލާފަށް ހިޖުރަކޮށްގެން ވަޒަންވެރިވެގެން އުޅޭ ޔަހޫދީންތަކަކަށް އަމާޒުކޮށް ބަޑިޖަހައި ޔަހޫދީ ދެއަންހެނަކު މަރާލައި އިތުރު މީހަކު ޒަޚަމްކޮށްލާފައެވެ. މަރާލި ދެއަންހެނުންނަކީ އުމުރުން 20 އަހަރުގެ ދެއަންހެނުންކަމަށް އިސްރާއީލުގެ ފުލުހުން ބުނެއެވެ. ޒަޚަމްވި އަންހެންމީހާވެސް އޮތީ އައިސީޔޫގައެވެ.

މި ހަމަލާދީފައިވަނީ ކްލަޝިންކޯފް ބަޑިއަކުންކަމަށާއި ހަމަލާދިން ފަލަސްތީނުގެ ޒުވާނާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އިސްރާއީލުގެ ފުލުހުން ބުނެއެވެ.

ތެލްއަވީވަށް ދިން ހަމަލާ

މި ހަމަލާދިންތާ ތިން ގަޑީއިރު ތެރޭގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވުގެ މެދުތެރޭގައި ފަލަސްތީނު މީހަކު ދިން އެހެން ހަމަލާތަކެއްގައި އެކަކު މަރުވެ އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ. ނަމަވެސް ތެލްއަވީވުގައި ހަމަލާދިން ފަލަސްތީނު މީހާ ވަނީ އިސްރާއީލުގެ ފުލުހުންގެ ދިން ރައްދު ހަމަލާތަކުގައި މަރުވެފައެވެ. މިހަމަލާ ދީފައިވަނީ ކާރެއް ބާރަށް ދުއްވާފައި އައިސް މީހުންގެ ގައިގައި ޖައްސައިގެންނާއި އެއަށްފަހު ބަޑިން ހަމަލާދީގެންނެވެ.

އިސްރާއީލަށް އަމާޒުކޮށް ކައިރިކައިރީގައި ފަލަސްތީނުން ދިން މިދެ ހަމަލާއާއެކު އިސްރާއީލަށް ބޮޑު ސިހުމެއްލިބި އިސްރާއީލުގެ އާންމުންގެ މެދުގައިވަނީ ބިރުވެރިކަން އުފެދިފައެވެ. އެއީ އަމަނާބެހޭ ކަންކަމުގައި އިސްރާއީލުގެ އެތެރޭގައި ހާލަތުއޮތްގޮތް ދޯހަޅިކަން ހާމަވުމުންނެވެ. އިސްރާއީލުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައި އިސްރާއީލަށް ހަމަލާދިނުމުގެ ގާބިލްކަން ފަލަސްތީނުގެ މުޖާހިދުންނަށާއި ވަކިވަކި ފަރުދުންނަށް ލިބޭކަން ހާމަވުމުންނެވެ.

އިސްރާއީލުގެ އާންމުންވަނީ އިސްރާއީލުގައި ސިފައިންނާއި ފުލުހުންނާއި ޖާސޫސީ އިދާރާތަކާއި އެނޫންވެސް އަމަނާބެހޭ އިދާރާތައް ހުއްޓުމެއްނެތި އެލާޓްގައި އޮންނައިރު ފަލަސްތީނުން ދޭ ރައްދު ހަމަލާތަކުން މީހުން މަރުވެ މި އިސްރާއީލު ގުޑުވާލައި އިސްރާއީލުގެ އާންމުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމުގައި ފަލަސްތީނުގެ މުޖާހިދުން ކާމިޔާބު ހޯދާތީ އެ އިދާރާތަކުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވާލަނީ

އަދި އިސްރާއީލުގައި ސަލާމަތީ ބާގަނޑުތައް ހުންނަ މިންވަރު ފެނުމުން ލަދުވެތިވާކަމަށް ބުނެ އިސްރާއީލުގެ އެތަށް ބަޔަކު ވަނީ އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އިސްރާއީލުގެ ފުލުހުން ބުނާގޮތުން ވެރިރަށް ތެލްއަވީވުގައި ދިން ހަމަލާގައި މަރުވީ އިސްރާއީލަށް އައިސްގެން އުޅޭ އިޓަލީގެ ފަތުރުވެރިއެކެވެ. ނަމަވެސް ޒަޚަމްވި ހަ މީހުންނަކީ އިސްރާއީލު މީހުންނެވެ.

އިސްރާއީލަށް އަމާޒުކޮށް އިއްޔެ ހަވީރާއި ރޭ މިހަމަލާތައް ދީފައިވާއިރު މިދިޔަ ހުކުރުދުވަހު ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކުންވަނީ އިސްރާއީލުގެ އެތަންމިތަނަށް 100 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. މީގެތެރެއިން ގިނަ ހަމަލާތައް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަރާފައިވާއިރު ހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގެ އާންމުން ތިބެންޖެހުނީ ބިންގަރާސްތަކަށް ވަދެ ފިލައެވެ.

ލުބްނާނުގެ ދެކުނުން އިސްރާއީލަށް ފޮނުވާލި ރޮކެޓްތަކަކީ ލުބްނާނުގެ ބާރުގަދަ ހިޒްބުﷲ ޖަމާއަތުން ގެންގުޅޭ ރޮކެޓްތަކަށްވުރެ ބަލިކަށި ރޮކެޓްތަކެއްކަމަށާއި މިރޮކެޓް ހަމަލާތައް ދިން ކަމަށް ބެލެވެނީ ލުބްނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިންކަމަށް އިސްރާއީލު ބުނެއެވެ.

ދެކުނު ލުބްނާނުން ދިން ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ ބައެއް ކާރުޚާނާތަކަށްވެސް ގެއްލުން ލިބިފައިވާއިރު އޭގެ ރޮކެޓެއް އިސްރާއީލުގެ ވެރިރަށް ތެލްއަވީވުގެ މަގެއް މައްޗަށްވެސް ވެއްޓިފައިވެއެވެ. އިސްރާއީލު ބުނާގޮތުން ދެކުނު ލުބްނާނުން ފޮނުވާލި ރޮކެޓްތަކުން މާއްދީ ގެއްލުންތަކެއް ލިބުނަސް ޒަޚަމްވީ އެންމެ ތިން މީހުންނެވެ.

ދެކުނު ލުބްނާނުން އިސްރާއީލަށް ދިން ހަމަލާތަކަށް ވަރަށް ވަރުގަދައަށް ބަދަލުހިފާނެކަމުގެ އިންޒާރުތައް ފުލުފުލުގައި އިސްރާއީލުން ދިންނަމަވެސް އޭގެ ރައްދު އިސްރާއީލަށް ދޭން ކެރިފައިވަނީ ވަރަށް އާދައިގެ ވަރަށް ބަލިކަށި ހަމަލާތަކެކެވެ. ރައްދުގައި އިސްރާއީލުން ހަމަލާދީފައިވަނީ ދެކުނު ލުބްނާނުގައި މީހުން ނޫޅޭ ހުސްތަނަކަށާއި ޣައްޒާގައި މީހުން ދިރިނޫޅޭ ފަޅު އިމާރާތަކަށެވެ.

އިސްރާއީލަށް އަމާޒުކޮށް މިހުރިހާ ހަމަލާތަކެއް ދީފައިމިވަނީ އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ކުރަމުން ގެންދާ ގޯނާތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ބުނެއެވެ. އިސްރާއީލު ސިފައިންނާއި ފުލުހުން ގެންދަނީ މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ވަދެގަނެ އެމިސްކިތަށް ހަމަލާދީ އެތަނުގައި ނަމާދާއި އެނޫންވެސް އަޅުކަންތައް ކުރަންތިބޭ ފަލަސްތީނު މީހުންގެ އެތަނުން ބޭރުކޮށް ދެއަތް ފުރަގަހަށްވާގޮތަށް ބިޑިއަޅުވައި އެމީހުން ހައްޔަރުކުރަމުންނެވެ.

މުޖާހިދުންގެ މިހަމަލާތަކާއެކު އިސްރާއީލުން މަސްޖިދުލްއަގްސާއަށް ކުރާ ގޯނާތައްވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ.