08 Apr 2023, 16:38
މޯލްޑިވިއަނުން ގެނައި ފަހުގެ އޭޓީއާރް މަރުކާގެ ބޯޓުތައް އެ އެއާލައިންގެ އުދުހުންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.
ބޯޓުތައް ޚިދުމަތަށް ނެރެފައިވަނީ މިއަދެވެ. އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އާ ބޯޓު ދަތުރުކުރީ ލ. ކައްދޫ އެއާޕޯޓަށެވެ.
މޯލްޑިވިއަންގެ ޚިދުމަތްތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އައިލެންޑްއޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ ކުންފުނިން މިހާރު އަމާޒު ހިފައިފައި ހުރީ އެ ކުންފުނިން މިހާރު ޚިދުމަތުގައި ބޭނުންކުރާ ޑޭޝް ކިއު މަރުކާގެ ބޯޓު ފްލީޓު އެއްކޮށް އާކުރުން ކަމަށެވެ.
"އެންމެ މަދުވެގެން ދެ އަހަރުގެ ތެރޭ އެއްކޮށް އާކުރުން އެއީ ޓާގެޓަކީ. އޭޓީއާރަށް ބަދަލުކޮށްފައި އޭގެ އިތުރުން ދޭ ޚިދުމަތް ރިލަޔަބަލް ޚިދުމަތަކަށް ތަރައްގީކުރުން ޓާގެޓަކީ،" ޖެނިފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޒަމާނާ އެއްގޮތަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އާ ބޯޓުތަކެއް ގެނައުމުން ފަސޭހަވާނެކަމަށެވެ. އަދި އޭޓީއާރް މަރުކާރުގެ ބޯޓުތަކަކީ ކުރު ދަތުރުތަކަށް ބޭނުންކުރުން އެންމެ ރަނގަޅު ބޯޓު. ދެން ރައްކާތެރިކަމުގެ ގޮތުން ވެސް ހަމަ މުހިންމު ކަމެއް އާކުރުމަކީ،" ޖެނިފާ ވިދާޅުވިއެވެ.
މޯލްޑިވިއަނުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓަކަށާއި އޭޓީއާރް 600-42 މަރުކާގެ އެއް ބޯޓު ގަނެފައެވެ.
މީގެ ތެރެއިން އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓު ވެސް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ރާއްޖެ ގެނެސްފައެވެ. ހަމައެއާއެކު އޭޓީއާރް 600-42 މަރުކާގެ ބޯޓެއް ވެސް މި މަހުގެ ދެވަނަ ދުވަހު ވަނީ ގެނެސްފައެވެ.
ތިން ބޯޓު ގަތުމަށް 925 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ފައިސާ ދައްކަން ހަމަޖެހިފައިވަނީ ލޯނެއްގެ އެހީގައެވެ.