އަނިޔާވެރި މަރުތަކަށް ހައްލު ލިބޭނީ މަރަށް މަރު ހިފައި، ގިސާސްގެ ހުކުމް ތަންފީޒްކޮށްގެން ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒަޚަމްތަކަކާ އެކު އިއްޔެ ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚް ޒައިދު "ސަން"އަށް ވިދާޅުވީ މަނަދޫގައި ރަޙުމު ކުޑަކޮށް މުސްކުޅި އަންހެނަކު މަރާލި ޚަބަރު އެހީ ކުއްލި ހައިރާންކަމާއި ސިހުމާ އެކު ކަމަށާއި އެއްވެސް ނަފުސެއް ނުހައްގުން މަރާލުމަކީ އެންމެހާ މީސްތަކުން މަރާލުން ފަދަ ކަމެއް ކަމަށް ދީނުގައި އަންގަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދުގެ މުޖުތަމައުގައި މަރުގެ މައްސަލަތައް އިތުރުވެފައިވާއިރު، އެފަދަ އަމަލުތައް ކުރާ މީހުން އެއްވެސް ޖެހިލުމެއް ނެތި އެ ކަންކަން ކުރަނީ ދީނުގައި އަންގަވާފައިވާ ގޮތަށް ހުކުމް ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

ޤުރުއާނުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅަކަށް އިސްލާމީ ދައުލަތަކުން އަމަލު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މަރަށް މަރު ހިފުމަށް ހުރިހާ ވާރިސުން އެއްބަސް ވުމުން އެކަން ނުކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ވެސް ނެތްކަން ފާހަގަކުރައްވައި ޝައިޙް ވިދާޅުވީ މަރުގެ މައްސަލަތަކުގައި ދައުލަތަކީ ހަމައެކަނި ތަންފީޒީ ފަރާތެއް ކަމަށާއި، ހުކުމް ތަންފީޒު ކުރުމަށް ދީނުގައި މާ ކުރިން އަންގަވާފައިވާކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އިންތިހާއަށް މަރުގެ މައްސަލަތައް އިތުރުވެފައި މިވަނީ. އެކަން ކުރާ މީހުންނަށް އެބަ އިނގޭ އެ މީހުން އެކަން ކޮށްގެން ކުޑަ ދުވަސް ކޮޅެއް ޖަލުގައި ހޭދަ ކޮށްލުމަށް ފަހު ދައުވާ ސާބިތު ނުވެއޭ ނުވަތަ އެހެން ވާހަކައެއް ދައްކައިގެން އެ ކަމުން ސަލާމަތް ވެވޭނެކަން." ޒައިދު ވިދާޅުވިއެވެ.

"އަދަބު ނުލިބޭނެކަން ޔަގީންވާތީ އެއްވެސް ބިރެއް ނެތި ކުދިކުދި އާދައިގެން ކުށެއްގެ ގޮތުގައި މި ދެކެނީ. އެ ކަންކަން ހުއްޓުވޭނެ ގޮތަކީ ދީނުގައި އަންގަވާފައިވާ ފަދައިން ހުކުމް ތަންފީޒު ކުރުން. ގިޞާސް ހިފުން."

މީގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކޮށްފައި ވީނަމަވެސް އެތައް ގާތިލުންނެއް ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫވެފައި އެބަތިއްބެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ވެސް ކޮށްފައިވެއެވެ.

މަރުގެ ހުކުމް އިއްވާފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް މިހާތަނަށް ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ. މިހާތަނަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ މިހުންގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލު ހިމެނެއެވެ.

އެކަމަކު، މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.