ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމަށް އިންވެސްޓުކުރުމަށް އެކަށީގެންވާ ފައިސާގެ އެހީތެރިކަމެއް ނުލިބުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގައި އިންވެސްޓަރުންނަށް ހުރި ދަތިތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގައި އެތައް އުފެއްދުންތެރި ޚިޔާލުތަކެއް ގެންގުޅޭ ގިނަ ޒުވާނުންތަކެއް އުޅޭކަމަށެވެ. ނަމަވެސް އެ ޒުވާނުންނަށް އޮތް ހަމައެކަނި ހުރަސްކަމަށެވެ.

"އަޅުގަނޑުގެ ހަމައެކަނި ކޮންސާނަކީ ދިވެހި އިންވެސްޓަރުންނަށް ފަހިކޮށް ފައިނޭންސް ނެތުން. ވަރަށް ކްރިއޭޓިވް ޔަންގު ކުދިން އެބައުޅޭ. ހަމަ އަޅުގަނޑާ ވެސް ދިމާވޭ. ތަނަވަސް ޚިޔާލުތައް އެބަ ގެންގުޅޭ އެކި ޓޫރިޒަމް ޕްރޮޑަކްޓުތައް އުފެއްދުމުގައި،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ކަން ހައްލުކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެ ކަމެއް އަޅުގަނޑުމެން އެބަކުރަން. އެއްކަމަކީ ބޭންކުތަކާ އަޅުގަނޑުމެން މަޝްވަރާ އެބަކުރަން ބިމުގެ އަގު، ލޯނު ރަށުގެ ބިމަށް އަގުކުރާއިރު ޓޫރިޒަމް ހުރި ރަށްރަށުގައި ހުރި އަގު ރިވިއުކުރަން. އަނެއް ކަމަކީ ބޭރުގެ އިންވެސްޓަރުން ކައިރީ ވެސް މި ބުނަނީ ބުއްދިވެރި ގޮތަކީ ދިވެހީންނާ ވެސް ގުޅިގެން މިކަން ކުރުމޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި ފުރުސަތުތައް އެބަހުރިކަމަށެވެ.

މި މަޢުޟޫގައި އިތުރަށް ވާހަކަދައްކަވަމުން މައުސޫމް ވަނީ ހޯމްސްޓޭ ޓޫރިޒަމަށް ތަރުހީބު ކުޑަކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

އެގޮތުން މައުސޫމް ވިދާޅުވީ ހޯމް ސްޓޭ ޓޫރިޒަމަކީ ސީދާ އެ ނަމުގައި ކުރިއަށް ގެންދަނީ ސަރުކާރުން ވިސްނުން ގެންގުޅޭ މަސައްކަތެއް ނޫންކަމަށެވެ. އޭގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފަތުރުވެރިކަން ތައާރަފްކުރުންކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޯމް ސްޓޭއަކީ އެ ނަމުގައި ނޫނަސް މީގެ ކުރިން ވެސް ރާއްޖޭގެ ރަށްރަށުގައި ކުރަމުން އަންނަ ދުވަސްވީ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރި ކަމަކީ އެ ކަން ރެގިއުލޭޓުކުރުމުގެ ގޮތުން ވަކި ނަމެއްގައި ވަކި ފެންވަރަކަށް ފައްތައިގެން އެ ކަން ކުރުމަށް އުސޫލެއް ގާއިމްކޮށްދިނުންކަމަށް މައުސޫމް ވިދާޅުވިއެވެ.

"ގެސްޓު ހައުސްގައި ހުންނަ 12 ރޫމު ފުރުނީމަ، މުހައްމަދުބެ މެންގެ ގެއިން ދެ ކޮޓަރި، މަރިޔަމްމެން ގެއިން ތިން ކޮޓަރި، އައިންތުމެއިންގެ ގެއިން ނަގާނެ ކުރިން ތިން ކޮޓަރި. އެކަމު އޭރު އެ ކަން އެ މީހުން ކުރަނީ ރަޖިސްޓަރު ނުކޮށް. މިހާރު ރަޖިސްޓަރުކުރުމުގެ ފުރުސަތު، ވަކި ފެންވަރަކަށް އެ ހިންގުމުގެ ފުރުސަތު އެބައޮތް.އެހެންވީމާ އަޅުގަނޑުމެން ވަކި ވައްތަރެއްގެ ޓޫރިޒަމަކަށްވުރެ ބޮޑަށް ބޭނުންވަނީ ހަމަ ރަށުގައި ޓޫރިޒަމް ގަދަޔަށް ހިންގުން،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ކުދި ގެސްޓު ހައުސްތައް ރަށްރަށުގައި އަވަސް ދުވެއްޔެއްގައި އިތުރުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ހަމައިގައި ޓޫރިޒަމް ރާއްޖޭގައި ހިންގުމެވެ.