09 Apr 2023, 23:40
އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ފިތުރުޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ގޮވާމުން މި އަހަރުގެ ފިތުރުޒަކާތް ދެއްކުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނުބަޔާނެއްގައިބުނެފައިވަނީ، ގޮވާމުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުނަށް މި މަހުގެ 11 ވާ އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތުން ބޮލަކަށް 2.4 ކިލޯއެވެ.
މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުން ނުވަތަ ކުރީގެ ދަރުމަވަންތަ ސްކޫލު ހޯލުންނެވެ. ގޮވާމުން ފިތުރު ޒަކާތް ދެއްކުމަށް އަންނަ މީހުން ބޭނުންކުރާނެ ގޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ މައި ގޭޓެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ، އާދައިގެ ހަނދޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާ ފުށެވެ.