12 Apr 2023, 15:13
ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީއިން ބާއްވާ އަތުލިޔުމުގެ މުބާރާތް މި އަހަރު ވެސް ބާއްވަން އެ އެކެޑަމީއިން ނިންމައިފިއެވެ.
ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރަކު ވެސް އެޕްރިލް މަހުގެ 14ވަނަ ދުވަހެވެ. މިއަހަރު ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ، ''ދިވެހިބަހަށް ލޯތްބާއި އިސްކަން ދެމާ'' މި ޝިއާރެވެ.

މީގެ ކުރިން ބޭއްވި އަތުލިޔުމުގެ މުބާރާތެއްގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --
މި އަހަރުގެ މުބާރާތް ވެސް އަމާޒުކޮށްފައިވަނީ ސަރުކާރުގެ އޮފީސްތަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމެވެ. އަދި ރީތިކޮށް ތާނަ ލިޔާން ހިތްވަރުދީ، އަތުލިޔުން ރީތި މީހުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމެވެ.

މީގެ ކުރިން ބޭއްވި އަތުލިޔުމުގެ މުބާރާތެއްގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --
މި މުބާރާތަކީ ވަރަށް ގިނަ އޮފީސްތަކަކުން ބައިވެރިވާ އަދި މުވައްޒަފުންގެ މެދުގައި ވަރަށް މަޤުބޫލު މުބާރާތެއްކަމަށް އެކެޑަމީން ބުނެއެވެ.
މި މުބާރާތުގައި ސަރުކާރުގެ ކޮންމެ އޮފީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މަދުވެގެން ތިން މުވައްޒަފަކު އަދި ގިނަވެގެން ފަސް މުވައްޒަފުން ބައިވެރިކުރެވޭނެއެވެ. އަދި މުބާރާތުގެ ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މިހާރު ދައުލަތުގެ ހުރިހައި އިދާރާތަކަކަށް ވެސް ފޮނުވައިފައި ވާނެކަމަށް އެކެޑަމީއިން ވަނީ ބުނެފައެވެ. މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މުބާރާތުގެ ލިޔުންތައް ދެ ގޮތަކަށް ހުށަހެޅޭނެކަމަށް އެކެޑަމީން ބުންޏެވެ. އެގޮތުން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އެކެޑަމީއަށް ނުވަތަ މި ކަމަށް ޚާއްސަކުރައްވައިފައިވާލިންކަކުންވެސް ލިޔުން ހުށަހެޅޭނެއެވެ. މި މުބާރާތުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާން ޖެހޭ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު 13:00ގެ ކުރިންނެވެ.
އަތު ލިޔުމުގެ މުބާރާތުން ހޮވާނީ އެންމެ ރީތި 10 ލިޔުމެކެވެ. މިއިން ކޮންމެ ލިޔުމަކަށް 500 ރުފިޔާގެ ފައިސާގެ އިނާމާއި ސެޓްފިކްޓް ދޭނެއެވެ. އަދި އެއްވަނައަށް ދާ އޮފީހަކަށް ތައްޓާއި ދެވަނަ އާއި ތިންވަނައަށް ދާ އޮފީހަކަށް ސެޓްފިކެޓާއި އިނާމް ދޭނެއެވެ.
ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލުތަކުން ވެސް އިސްނަގައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ދިވެހި ބަހުގެ އެކެޑަމީން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ، ދިވެހި ބަހާމެދު ދަރިވަރުންގެ ހިތްތަކުގައި އޮތް ލޯތްބާއި ގަދަރު އިތުރުކުރުމަށާއި މި ބަހާ މެދު މިހާރަށްވުރެ ފުންކޮށް ވިސްނުމަށް މަގު ފަހިކޮށްދިނުމަށް ޓަކައި ކަމަށް އެކެޑަމީއިން ބުންޏެވެ.
މިއަހަރުގެ ދިވެހިބަހުގެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ ހުކުރު ދުވަހަކަށް ކަމާއި އެއީ މިއަހަރު ދެވަނަ ޓާމުގެ ކިޔެވުން މެދު ކަނޑާލަން ކަނޑައަޅާފައިވާ ދުވަހަށް ވެސް ވުމުން، ސްކޫލުތަކަށް އެންމެ ފަސޭހަ ދުވަހަކު ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް އެކެޑަމީން ވަނީ އެދިފައެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ސްކޫލަކަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި:
ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ޚާއްސަ އެސެމްބްލީއެއް ބޭއްވުން
- ހަފުތާގެ ދިވެހި ގަޑިތަކުގައި "ދިވެހި ބަހުގެ މުހިންމުކަން،" މި ނަމުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުން
- ދުވަހުގެ މައުލޫމާތު ސްކޫލުތަކުގެ ނޯޓިސް ބޯޑުގައި ބެހެއްޓުން ހިމެނެއެވެ.