އަވައްޓެރި އިންޑިއާގައި އަނެއްކާ ވެސް ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 7،830 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ފާއިތުވީ ހަތް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ ޕޮޒިޓިވްވި ފަހަރެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'އެންޑީޓީވީ'ން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ މައި ސިޓީ ދިއްލީގައި ހަމައެކަނި މިއަދުވެސް 1،000އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ދިއްލީގެ ހެލްތު ޑިޕާޓްމަންޓުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 23.8 ގައެވެ. މިހާތަނަށް 1،149 ކޭސް ފެނިފައިވާއިރު، ކޮވިޑްގައި އެކަކު މަރުވެފައިވެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުމާ އެކު ދިއްލީގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 20،17،250 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 26،546 އަށް އަރާފައެވެ.

އިންޑިއާގައި އަނެއްކާ ވެސް ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފި -- ފޮޓޯ/ އެންޑީޓީވީ

އިކޮނޮމިކްސް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހިގެން ނުވަ މީހަކު ވަނީ މަހާރަޝްތްރާ ސިޓީގައި މަރުވެފައެވެ. އަދި، އެ ސްޓޭޓުން 1،115 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަަމަށް ވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިންޑިއާގައި އެއްވަރަކަށް އިތުރުވަމުން އަންނައިރު މުމްބާއީގައި މިއަދު ވަނީ އިތުރު 320 ކޭސް ފެނިފައެވެ.

އެ ގައުމުގެ ސިއްޙީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދާއިރު ކޮވިޑް ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ހުރީ 98.11 ޕަސެންޓުގައެވެ.

އެ ގައުމުގައި ފެތުރެމުން ދަނީ އޮމިކްރޯންގެ އެކްސްބީބީ.1.16 ސަބް-ވޭރިއަންޓެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ.