13 Apr 2023, 16:04
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ތެރެއިން ވަކި ފިކުރެއްގައި މަސައްކަތްކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ޖުމްހޫރީ ޕާޓީއަށް ދިނުމަށް ނިންމަވައި މަޝްވަރާގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ރިޔާސީ އިިންތިޚާބު ގާސިމަށް ކާމިޔާބުވާ ހާލަތެއްގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނަޝީދު، ގާސިމަށް ހުށަހަޅުއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ތެރެއިން ގާސިމާ ވަރަށް އަރިސް ބޭފުޅަކު ވަނީ ނަޝީދުގެ ހުށަހެޅުންތަކުގެ ތަފްސީލް "ސަން"އާ ހިއްސާކުރައްވައިފައެވެ.
ނަޝީދުގެ ހުށަހެޅުންތައް ހިމަނުއްވައި ފޮނުއްވި ކަރުދާހުގައިވާ ގޮތުން އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، މޮޅުވާ ކެންޑިޑޭޓު ހުވާކުރުމާ ދެމެދު އޮންނަ މުއްދަތުގައި ވެރިކަން ކުރުމުގެ ނިޒާމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެކަމަށް ހުށަހަޅައިފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ވީ
ނަޝީދުގެ ހުށަހެޅުމުގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި ނިޒާމީ ވޯޓަށް ފަހިކުރުމަށް ގާނޫނަށް ގެންނަޖެހޭ ބަދަލުތައް ގެންނަންވާނެއެވެ.
ނަޝީދުގެ ބައެއް ހުށަހެޅުންތައް:
ރައްޔިތުންގެ މަޖިލީހުގައި ނަގައި ސިއްރު ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިޚާބުކުރުން.
- ގާނޫނު އަސާސީގައި ކަނޑައަޅައި ހާލަތްތަކެއްގައި ރައްޔިތުންގެ މަޖިލިސް އުވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުން.
- ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރެއް އިނުން.
- ރައްޔިތުންގެ މަޖިލީހުން ނަގައި ވޯޓަކުން ބޮޑުވަޒީރު ހޮވުން
- ރައީސަށާއި މަޖިލީހުގައި ނެގޭ ވޯޓުގެ އަޣުލަބިއްޔަތުން ބޮޑުވަޒީރު މަގާމުން ވަކިކުރުމުގެ ބާރު ދިނުން.
- ސިޔާސީ މަގާމުތައް އުފެއްދުމުގެ ބާރު ބޮޑުވަޒީރަށް ދިނުން.
- ރައީސްގެ ލަފާގެ މަތިން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ބޮޑުވަޒީރަށް ދިނުން.
- ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރުމާއެކު ސަރުކާރު ޖަވާބުދާރީކުރުވުން ބޮޑުވަޒީރަށް ހަވާލުކުރުން.

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
މީގެ އިތުރުން ނަޝީދުވަނީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލިސް އެކުލަވައިލާނެ ގޮތަކާމެދު ވެސް ހުށަހެޅުންތަކެއް ހުށަހަޅުއްވައިފައެވެ.
ނަޝީދު ހުށަހަޅުއްވައިފައިވާ ގޮތުންނަމަ ވަޒީރުންގެ މަޖިލިސް އެކުލައިވައިލަންވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. މިއީ ބަރުލަމާނީ ނިޒާމުގެ ވެސް ސިފަައެކެވެ.
ނަމަވެސް ވަޒީރުންގެ ތެރޭގައި ވެސް ރައީސް އައްޔަންކުރާ ބޭފުޅުން ހިމެނުމުގެ އިޚްތިޔާރު އޮންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ ވަޒީރުންގެ މަޖިލީހުންގެ 40 ޕަސެންޓަށްވުރެ އިތުރަަށް އެފަދަ މެމްބަރުން އައްޔަން ނުކުރެވޭ ގޮތަށެވެ.
މީގެ އިތުރުން، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގާނޫނުގައި ކަނޑައެޅުމާއި ޕްރިފެރެންޝިއަލް ވޯޓިން އަކުން މެމްބަރުން ހޮވުމަށް ވެސް ނަޝީދު ހުށަހަޅުއްވައިފައިވެއެވެ.
ޕްރިފެރެންޝިއަލް ވޯޓިންއަކީ ވޯޓު ކަރުދާހުގައި ލިސްޓުކޮށްފައި ތިބޭ ހުރިހާ ކެނޑީޑޭޓުންނާމެދު އެ މީހަކު އެންމެ ތާއީދުކުރާ ނުވަތަ އިސްކަންދޭ ތަރުތީބުން ވޯޓު ކަރުދާހުގައި ފާހަގަ ނުވަތަ ތަރުތީބުގެ ނަމްބަރު ޖެހުމެވެ.
ނަޝީދުގެ މި ހުށަހެޅުންތަކަށް އެއްބަސްވާނަމަ ނަތީޖާއަކަށް ވެގެންދާނީ ރިޔާސީ އިންތިޚާބުން ގާސިމް ކާމިޔާބުވެވަޑައިގެން ރައީސްކަމުގެ ހުވައި ކުރެއްވުމުން ނަޝީދަށް ބޮޑުވަޒީރުކަން ލިބުމަށް މަގުފަހިވުމެވެ.
އެއާއެކު ގާސިމް ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސަރުކާރުގެ ހިންގުމުގެ ގިނަ ބާރުތަކާއެކު އެންމެ އިސްކޮށް އަމަލީ ގޮތުން އުޅުއްވުމުގެ ބާރު ނަޝީދަށް ތަނަވަސްވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް --
އެ ޕާޓީއަށް ނަޝީދު މި ހުށަހެޅުންތައް ހުށަހަޅުއްވައިފައިވާއިރު މީގެ ކުރިން ގާސިމްވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ދެކޮޅު ހައްދަވައިފައެވެ.
ޖުމްހޫރީ ޕާޓީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓްނަރެވެ. ސިޔާސީ ކަންކަމާއި ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގައި މާ އަޑުގަދަކޮށް އެ ޕާޓީން ބަަސް ނުބުނި ނަމަވެސް ރިޔާސީ އިންތިޚާބަށް އެ ޕާޓީން ތައްޔާރުވުމުގެ މަސައްކަތް ފަށައި ސަރުކާރާމެދު ހުރި ނުރުހުންތައް އެ ޕާޓީން ފާޅުކުރަންވަނީ ފަށައިފައެވެ.
އެއާއެކު މިހާރު އެ ޕާޓީން ނިންމައިގެން ތިބީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ސަރުކާރާ ކޯލިޝަން ނުހަދައި ވަކީން ވާދަކުރުމަށެވެ.
ކޯލިޝަން ހަދައިފިނަމަ ހާދާނީ އެ ޕާޓީ އިސްވެކަމަށް އެ ޕާޓީން ބުނެއެވެ. އެ ކަމަށް ޓަކައި ޕާޓީތަކަށް ދައުވަތު ވެސްވަނީ ފޮނުވައިފައެވެ.