13 Apr 2023, 22:34
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަކި ފިކުރެއްގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްޕުޅު ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ގާސިމަށް އެ އިންތިޚާބު ކާމިޔާބުވާ ހާލަތެއްގައި ކުރުމަށް ހުށަހަޅުއްވައިފައިވާ ކަންކަމާމެދު މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީގެ ތެރޭ ވަކި ކޮމިޓީއެއް އުފައްދައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން އަންނަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކެނޑީޑޭޓާ ދެކޮޅަށް، އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައެވެ.
އެއާއެކު ނަޝީދު ވަނީ މަޝްވަރާގެ މޭޒަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި އެއާ ވިދިގެން ގިނަ ކަންތައްތަކެއް ކުރުމަށް އެއްބަސްވުމަށް މަޝްވަރާކުރުމަށް ހުށަހަޅުއްވައިފައެވެ.
މި ކަންކަމާ ގުޅިގެން އެ ޕާޓީގެ ނިންމާނެ ގޮތަކާއި ދެން އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ އެ ކަންކަމަކީ އަދި ގޮތެއް ނިންމާނެ ކަންކަމެއް ނޫންކަމަށެވެ.
މަޝްވަރާކުރުމަށް ހުށަހަޅައިފައިވާ ކަންތައްތަކަކަށް ވުމުން އެ ކަމަށް ރަނގަޅަށް ބަލައި ވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމާ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--- ފޮޓޯ/ ޖުމްހޫރީ ޕާޓީ
"އަޅުގަނޑުމެންނަށް މިހާރު އެ ހުށަހެޅުންތައް ވަނީ ލިބިފައި. މި ކަންކަމާމެދު މަޝްވަރާކުރުމަށް ސީދާ މި ކަމަށް ޚާއްސަ ކޮމިޓީއެއް މިހާރުވާނީ އެކުލަވައިލައިފައި. ތިން މެމްބަރުންގެ ކޮމިޓީއެއްގެ ތެރޭ އަޅުގަނޑުމެންގެ ފަޅީގައި މަސައްކަތް ކުރިއަށްދަނީ،" އަލީ ވިދާޅުވިއެވެ.
އެ ކޮމިޓީގައި ހިމެނެނީ ތިން މެމްބަރުންނެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިނެވެ.
ކޮމިޓީގެ ތެރޭ މަޝްވަރާކުރެވި ނިންމުމަކާ ވާސިލްވުމުން އިތުރު ތަފްސީލް ދެއްވާނެކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.
ނަޝީދުގެ ހުށަހެޅުންތައް ހިމަނުއްވައި ފޮނުއްވި ކަރުދާހުގައިވާ ގޮތުން އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، މޮޅުވާ ކެންޑިޑޭޓު ހުވާކުރުމާ ދެމެދު އޮންނަ މުއްދަތުގައި ވެރިކަން ކުރުމުގެ ނިޒާމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެކަމަށް ހުށަހަޅައިފައިވެއެވެ.

އެމްޑީޕީގެ ކޮމިޓީއާއި ޖޭޕީގެ ކޮމިޓީ އެކުވެ މެނިފެސްޓޯ އެކުލަވައިލުމުގެ މަޝްވަރާގެ ތެރެއިން -- ފޮޓޯ/ ޖޭޕީ
ނަޝީދުގެ ބައެއް ހުށަހެޅުންތައް:
ރައްޔިތުންގެ މަޖިލީހުގައި ނަގައި ސިއްރު ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިޚާބުކުރުން.
- ގާނޫނު އަސާސީގައި ކަނޑައަޅައި ހާލަތްތަކެއްގައި ރައްޔިތުންގެ މަޖިލިސް އުވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުން.
- ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރެއް އިނުން.
- ރައްޔިތުންގެ މަޖިލީހުން ނަގައި ވޯޓަކުން ބޮޑުވަޒީރު ހޮވުން
- ރައީސަށާއި މަޖިލީހުގައި ނެގޭ ވޯޓުގެ އަޣުލަބިއްޔަތުން ބޮޑުވަޒީރު މަގާމުން ވަކިކުރުމުގެ ބާރު ދިނުން.
- ސިޔާސީ މަގާމުތައް އުފެއްދުމުގެ ބާރު ބޮޑުވަޒީރަށް ދިނުން.
- ރައީސްގެ ލަފާގެ މަތިން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ބޮޑުވަޒީރަށް ދިނުން.
- ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރުމާއެކު ސަރުކާރު ޖަވާބުދާރީކުރުވުން ބޮޑުވަޒީރަށް ހަވާލުކުރުން.
މީގެ އިތުރުން ގިނަ ކަންތައްތަކެއް ނަޝީދު ހުށަހަޅުއްވައިފައިވެއެވެ.