ދަރްމާ ކުންފުންޏާއި ގުޅިގެން ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދިން ފިލްމު 'ބްރައްމަސްތްރާ: ޕާޓް ވަން'ގެ ކާމިޔާބީއަށްފަހު އަޔާންއަށް ގިނަ ފިލްމު ކުންފުނިތަކުން ވަނީ ފުރުސަތުތައް ލިބިފައެވެ. ދަރްމާ ކުންފުނީގެ ހިޔާހަވަހިކަމުގައި ހުރެ ޑައިރެކްޝަނަށް ތަޢާރަފްވި ޒުވާން ޑައިރެކްޓަރު ދާދިފަހުން ވަނީ ޔަޝް ރާޖް ކުންފުންޏާއެކު މަސައްކަތްކުރުމަށް ނިންމާފައެވެ.

ޔަޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްގެ ކުރިޔަށްއޮތް ފިލްމު 'ވޯ2' ޑައިރެކްޓްކުރުމަށް ލިބުނު ފުރުސަތާއެކު އަޔާން މުކަރްޖީގެ އަގު ވެސް މި ވަނީ މައްޗަށް ގޮސްފައެވެ. އެކްޝަން ފިލްމުތައް ގެނެސްދިނުމަށް ޔަޝް ރާޖް ކުންފުނީގެ ދަށުން ހިންގާ ސްޕައި ޔުނިވާސްގެ މި ފިލްމު ޑައިރެކްޓްކޮށްދިނުމަށް އަޔާންއަށް ހުށަހަޅާފައިވާ އަގަކީ 32 ކްރޯޑް ރުޕީސްކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި އަދަދާއެކު އަޔާން މުކަރުޖީ ހިމެނިފައިވަނީ ފިލްމު ޑައިރެކްޓަރުންގެ ލިސްޓުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފަރާތަށެވެ. ސްޕައި ޔުނިވާސްގެ ކާމިޔާބު ފްރެންޗައިސް 'ވޯ'ގެ ދެވަނަ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް މި މަހުތެރޭ ފެށުމަށް ވަނީ ނިންމާފައެވެ.

ފިލްމުގެ ފުރަތަމަ ބައިގެ ލީޑް ރޯލް ރިތިކް ރޯޝަން މިފަހަރުގެ ފިލްމުން ފެންނައިރު ކާމިޔާބު ތެލުގޫ އެކްޓަރު ޖޫނިއާ އެންޓީއާރް ވަނީ ފިލްމުގެ ކާސްޓާ ގުޅިފައެވެ. މި އަހަރުގެ ނޮވެމްބަރު މަހުތެރޭ ފިލްމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ. އަދި ފިލްމުގައި ހިމެނޭ އިތުރު ކާސްޓުންގެ މަޢުލޫމާތުވެސް މީޑިއާއަށް ކަށަވަރެއް ނުވެއެވެ. ޔަޝް ރާޖް ކުންފުނީގެ ކުޅަދާނަ ޑައިރެކްޓަރު ސިދާތް އާނަންދަށްފަހު އަޔާން ވެފައިވަނީ އެ ކުންފުނިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ޑައިރެކްޓަރަށެވެ.