17 Apr 2023, 12:20
ޚުރުތޫމް (17 އެޕްރީލް 2023): އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ސޫދާނުގެ ސިފައިންނާއި އެގައުމުގެ އަސްކަރީ އެހެން ލަޝްކަރެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ކުއްލިއަކަށް ފެށިގެން ކުރިޔަށްދާ އަސްކަރީ ކުރިމަތިލުންތަކުގައި އާންމުންގެ 56 މީހުން މަރުވެ 600އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ސޫދާނުގެ ވެރިރަށް ޚުރުތޫމުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނާގޮތުގައި ދެފަރާތުން ބަދަލުކުރާ ހަމަލާތަކުގެ ސަބަބުން ފާއިތުވި 36 ގަޑީއިރު ތެރޭގައި އާންމުންގެ އިތުރުން ސިފައިންނާއި "އާރް.އެސް.އެފް" ހަނގުރާމަވެރިންގެވެސް ސަތޭކައާއި ދުއިސައްތައާ ދެމެދުގެ އަދަދެއްގެ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކުވަނީ ޒަޚަމްވެފައެވެ.
"އާރް.އެސް.އެފް" އަކީވެސް ސޫދާނުގެ ސިފައިންގެ ލަޝްކަރުތަކެކޭ އެއްގޮތަށް ސޫދާން ސަރުކާރުގެ ރަސްމީ އަސްކަރީ ލަޝްކަރެކެވެ. ނަމަވެސް އެއީ ސިފައިންގެ ކޮމާންޑާ ވަކި ކޮމާންޑެއްގެ ދަށުގައި އޮންނަ ލަޝްކަރެކެވެ. އެލަޝްކަރުގެ ކޮމާންޑަރަކީ ސޫދާނުގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ނައިބު ރައީސް ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ އެވެ.

ސޫދާނު ސިފައިންގެ ކޮމާންޑަރު ޖެނެރަލް އަބްދުލްފައްތާޙް އަލްބުރުހާން
ސިފައިންގެ ލަޝްކަރުތަކުގެ ކޮމާންޑަރަކީ ސޫދާނުގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ. ސޫދާނުގެ ކުރީގެ ރައީސް ޖެނެރަލް އުމަރު ޙަސަން އަހްމަދުލްބަޝީރުގެ ވެރިކަން 2019 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން ވައްޓާލީ މިދެބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ. އެހެންކަމުން އެދެބޭފުޅުން ގެންދެވީ ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ވެރިންގެ ގޮތުގައި ތިއްބަވައިގެން އެކުގައި މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް ވެރިކަމުގެ ބާރުވެރިކަން ދޫކޮށްނުލައި އެބާރުތައް ދަމަހައްޓަން ކުރާ މަސައްކަތުގައި ދެބޭފުޅުންގެ ދެމެދުގައި އެކިފަހަރުމަތިން ދެބަސްވުންތައް އުފެދެމުން ގޮސްފައިވެއެވެ. އެންމެފަހުން ދެބަސްވީ ސޫދާނުގެ އިންތިގާލީ މަރުހަލާގެ މުއްދަތު ހަމަވެ ރައްޔިތުންނާ ވެރިކަން ހަވާލުކުރަންޖެހޭ ހިސާބުންނެވެ.
މިދެބޭފުޅުންނަކީވެސް ރައްޔިތުންނާ (ރައްޔިތުން އިންތިޚާބުކުރާ ޑިމޮކްރެޓިކް ސަރުކާރަކާ) ވެރިކަން ހަވާލުކުރުމަށް ބޭރުފުށުން މަތިމަތިން އެއްބަސްވާ ނަމަވެސް ހަގީގަތުގައި އެކަން ބޭނުންނުވާ ދެ ޖެނެރަލުންނެވެ. އަސްކަރީ މަޖިލީހުގެ ދައުރު ނިމި ރައްޔިތުން އިންތިޚާބުކުރާ މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރަން ޖެހޭ މުއްދަތު ފަހަނަޅައި ގޮސްފައިވާއިރުވެސް އެދެބޭފުޅުން ވަނީ އެކަން ކުރަން ފަސްޖެހިފައެވެ. އެއީ ވެރިކަން ގެއްލިދާނެތީއެވެ.
މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމުގެ ކުރިން "އާރް.އެސް.އެފް" ލަޝްކަރުގެ ހަނގުރާމަވެރިން ސިފައިންގެ ލަޝްކަރު ކޮމާންޑްގެ ދަށަށް ގެންގޮސް ދެލަޝްކަރު އެއްކޮށް އެއްކޮމާންޑެއްގެ ދަށަށް ގެންދަން އެއްބަސްވެ އެކަމަށް މުއްދަތެއްވެސް ކަނޑައަޅަން ޖެހެއެވެ.

"އާރް.އެސް.އެފް" ގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ
"އާރް.އެސް.އެފް"ގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ އާއި ސިފައިންގެ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އާ ދެމެދު ޚިޔާލު ތަފާތުވީ ދެލަޝްކަރު އެއްކޮށް އެއް ކޮމާންޑެއްގެ ދަށަށްގެންދާނެ މުއްދަތަކާބެހޭގޮތުންނެވެ. ޖެނެރަލް ބުރުހާން ބޭނުންވަނީ އެކަމަށް ދެ އަހަރުގެ މުއްދަތެކެވެ. ނަމަވެސް ލެފްޓިނެންޓް ޖެނެރަލް ހަމްދާން ބޭނުންވަނީ 10 އަހަރުގެ ދިގުމުއްދަތެއްގެ ތެރޭގައި އެކަން ކުރުމަށެވެ.
މުއްދަތު ދިގުކުރުމުގައި ހަމްދާންގެ ބޭނުމަކީ އޭނާގެ ބާރާއި ކޮންޓްރޯލް "އާރް.އެސް.އެފް" ގެ މައްޗަށް ދިގުމުއްދަތަކަށް ބޭއްވުމެވެ. "އާރް.އެސް.އެފް" ލަޝްކަރު ސިފައިންނާ އެއްކޮށްލުމުން ޖެނެރަލް ހަމްދާން ވެގެންދާނީ ސިފައިންގެ އޮފްސަރަކަށް އެކަންޏެވެ. ނަމަވެސް "އާރް.އެސް.އެފް" ވަކިލަޝްކަރެއްގެ ގޮތުގައި ދިގުމުއްދަތަކަށް އޮތުމުން ސިފައިންގެ ކޮމާންޑަރުފަދަ ވަކި ލަޝްކަރެއްގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ބާރުގަދަ ބޭފުޅެއްގެ ގޮތުގައި އޭނާއަށް ދެމި ހުންނެވޭނެއެވެ.
އަނެއްކޮޅުން ސޫދާނުގައި ރަންނަގާ މައިނުތަކުގެ ކޮންޓްރޯލް އޮންނަނީވެސް "އާރް.އެސް.އެފް" އަށެވެ. މިއީ ވަރަށް ބޮޑު މުއްސަނދިކަމެއް "އާރް.އެސް.އެފް" ގެ ކޮމާންޑަރަށާއި އެލަޝްކަރުގެ އޮފިސަރުންނަށް ލިބިގެންދާ ކަމެކެވެ. ދެލަޝްކަރު އެއްކޮށްލުމުން މި މުއްސަނދިކަން "އާރް.އެސް.އެފް" އަތުން ގެއްލި މިކަން ލިބިގެންދާނީ ސޫދާނުގެ ސިފައިންނަށެވެ. މިއީވެސް ދެލަޝްކަރު އެއްކޮށްލުމުގެ މުއްދަތު ދިގުކުރަން ހަމްދާން ބޭނުންވާ ސަބަބެކެވެ.
ސޫދާން ސިފައިންނެކޭ އެއްގޮތަށް "އާރް.އެސް.އެފް" އަކީވެސް ވަރަށް ބާރުގަދަ އަދި ގިނަ އަދަދަކަށް ހަތިޔާރުހުރި ލަޝްކަރެކެވެ. ސިފައިންގެ ލަޝްކަރުގެ އަދަދު ދެލައްކައަށް އަރާއިރު "އާރް.އެސް.އެފް"ގެ ހަނގުރާމަވެރިންގެ އަދަދު އެއްލައްކައަށްވުރެ ގިނައެވެ.
މިދެ ލަޝްކަރުގެ ދެމެދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެށުނު އަސްކަރީ ކުރިމަތިލުންތައް މިހާރުދަނީ ސޫދާނުގެ ދާޚިލީ ހަނގުރާމައަކަށް ބަދަލުވަމުންނެވެ. މިކުރިމަތިލުންތައް ހުއްޓުވުމަށް އަރަބި ލީގުންނާއި އދ.އިން ކުރަމުން ގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.