މި އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ 270 ކޯޓާ، ތިން ކުންފުންޏަކަށް ސަރުކާރުން ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން ދިވެހިން ޙައްޖަށް ގެންދިއުމުގެ ހުއްދަ މި ފަހަރު ދިން ތިން ކުންފުންޏަށް ވެސް ދޫކޮށްފައިވަނީ 90 ކޯޓާއެވެ. އަދި، އެ ތިން ކުންފުނީގެ އަގުތައް ވެސް އުޅެނީ 75،000ގައެވެ.

ހުއްދަ ދިން ޖަމާއަތްތަކާއި އަގުތައް:

  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު - 75،250 ރުފިޔާ

  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑު - 75،465 ރުފިޔާ
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު - 75،000 ރުފިޔާ

ތިން ކުންފުންޏަށް ވެސް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވަނީ އަހަރު ދުވަހުގެ މުއްދަތަށެވެ.

ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން ގިނަ ކޯޓާއަށް މީހުން ގެންދާނީ ހައްޖު ކޯޕަރޭޝަންއިންނެވެ.

ބައެއް އަހަރުތަކުގައި ސައުދީ ސަރުކާރުން ރާއްޖެއަށް 2000 ކޯޓާ ވެސް ދީފައިވެއެވެ. މިއަހަރު ވެސް އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮވިޑާ ހެދި 2021 ވަނަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.